ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މައްސަލައިގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓު ސަރުކާރަށް ދުރާލާ ލިބިފައި އޮވެ، ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި ވަނިކޮށް ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުގައި މިއަދު ޖަލްސާއެއް ބާއްވާފައިވަނީ ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުމަށެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސަށް ހުޅުވާލުމުގެ ކުރިން އެ ޖަލްސާގެ މުހިއްމު ކަމާ މެދު މެންބަރުން ބަހުސް ކުރުމަށް ވަނީ އެއްގަޑިއިރުގެ ވަގުތުތެއް ދެއްވާފަ އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން މެއި މަހުގެ ތެރޭގައި ތަހުގީގު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ރިޕޯޓާ ގުޅިގެން ގާނޫނުތަކަށް އިސްލާހު ހުށަހެޅުމަށް ސަރުކާރަށް އެކަށީގެންވާ ވަގުތު ލިބުނު ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އޭގެ ތިން މަސް ފަހުން މަޖިލިސް ޗުއްޓީގައި ވަނިކޮށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހެޅުމުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކަންކަން ކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގައި މިޖަލްސާ ބެއްވުމަށް ހުށަހެޅި މެމްބަރަކީ ވެސް އޭނާ ކަމަށެވެ. އެގޮތަށް ހުށަހެޅުއްވީ ރިލްވާންގެ މައްސަލަ ތަހުގީގުކުރަމުން ދާއިރު ކޮމިޝަނުން ހޯދި ހޯދުންތަކަށް ބަލައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން ކަމަށެވެ. ރައީސް އެހެން ވިދާޅުވުމަށްފަހު މަޖިލީހަށް ގާނޫނު އިސްލާހު ކުރަން ފޮނުވީމާ މަޖިލިސް ޗުއްޓީގައި އޮވެ އެކަން ނުކޮށްފިކަމަށްވާނަމަ ރައްޔިތުންގެ ފަރާތުން މިމަޖިލީހަށް އިނގިލި ދިއްކުރަން ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ޓެރަރިޒަމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ޖެހެނީ ކީއްވެގެންކަމާއި ރިލްވާންގެ ތަހުގީގަށް މިކަމުގެ ސަބަބުން މަގުފަހި ވަނީ ކީއްވެގެންކަން މެމްބަރުންނަށް ސާފުވާންޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ އެއްވެސް ކަމެއް އަދި އެނގިވަޑައިގެންފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ. މިބިލްގެ ބަހުސްތައް ކުރިއަށްދާއިރު މެންބަރުން ސުވާލުތަކުގެ ޖަވާބު ވަރަށް ތަފްސީލުކޮށް ސާފުވާން ޖެހޭ ކަމަށާ މިބިލުގައި ވަރަށް ގިނަ ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ. ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް މަޖިލީހުން ބިލެއް ފާސްކޮށްފައި ދޫކޮށްލަން ބޭނުން ނުވާ ކަމުގައިވެސް ހަސަން ވިދާޅުވި އެވެ.

ސަރުކާރުގެ މަސައްކަތްތައް އިންތިޒާމުކުރުމުގައި މިހާރަށް ވުރެ ފުރިހަމައަށް އެކަންކަން ކުރަންޖެހޭ ކަމުގައިވެސް ހަސަން ވަނީ ވިދާޅުވެފަ އެވެ.