ބީއެމްއެލް އިން ހުޅުމާލޭގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލޭގެ ރެނާޓަސް އިތާމުތް ބިލްޑިންގައި ގާއިމުކޮށްފައިވާ މި އޭޓީއެމް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.

އާބާދީ އާއި ވިޔަފާރީގެ ގޮތުން ހަލުވި ކަމާއެކު ކުރިއަރަމުންދާ ހުޅުމާލޭގައި ގާއިމުކުރެވުނު އޭޓީއެމް އަކީ ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހުޅުމާލެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވުނު އޭޓީއެމްއެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާގެ ޚިދުމަތް ހޯދޭނެ ކަމަށްވެސް އެ ބޭންކުން ބުނެ އެވެ.

މި އޭޓީއެމްގެ ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިން ޚިދުމަތްތައް ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.

ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މި ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަން ފާހަގަކުރައްވާ ޓިމް ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވާ ކަމަށްވެސް ޓިމް ވިދާޅުވި އެެވެ. އަދި ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ކަސްޓަމަރުން ބޭނުންވާ މިންވަރަށް އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދެވެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.