ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވަރަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފޮނުއްވާފަ އެވެ. އަދި އެ ބިލްގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ދައުރުން ބޭރުގައި މިއަދު ހާއްސަ ޖަލްސާއެއް ބޭއްވުމަށްފަހު މިހާރު ދަނީ އިތުރު ޖަލްސާތަކެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

މައުމޫން ހަމީދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރު ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުގައި ފުލުހުން ހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ބުނެފައިވާ ކަމަށެވެ. އަދި ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރަން ދިޔަ ފުލުހުންތަކެއް މީހަކަށް އަނިޔާ ކުރި މަންޒަރު ވީޑިއޯ ކުރި މީހުންނަށް ފުލުހުންގެ ބަޔަކު ބިރު ދައްކައި ހެކި ނައްތާލަން ވެސް މަސައްކަތްކޮށްފައިވާ ކަމަށް މައުމޫން ވަނީ ތުހުމަތުކުރައްވާފަ އެވެ.

ފުލުހުންގެ އަމަލުތައް އެގޮތަށް ހުއްޓާ، ފުލުހުންނަށް އިތުރު ބާރުތަކެއްދީ، ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވަން ހުރި ހުރަސްތައް ނައްތާލަނީ ކީއްވެގެންތޯ މައުމޫން ވަނީ ސުވާލު ކުރައްވާފަ އެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ ޓެރަރިޒަމުގެ ގާނޫނަށް އިޝާރާތްކުރައްވާ މައުމޫން ހަމީދު ވިދާޅުވީ ނޯތު ކޮރެއާ ފިޔަވާ އެންމެ ހަރުކަށި ޓެރަރިޒަމުގެ ގާނޫނު މިހާރުވެސް އޮތީ ރާއްޖޭގައި ކަމަށެވެ. ނޫސްވެރިޔަކު ގެއްލުވާލެވުނީ ގާނޫނުގެ ދައުރުގެ ސަބަބުން ނޫން ކަމަށާއި، މައްސަލަ އޮތީ ގާނޫނު ނަގަހައްޓަން ތިއްބެވި ބޭފުޅުންގެ ކިބައިގައި ކަމަށްވާތީ އިސްލާހުކުރަންވީ ގާނޫނުތޯ ވެސް މައުމޫން ވަނީ ސުވާލު ކުރައްވާފަ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކަށް ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވީ ގާނޫނަށް ގެންނަން ގެންނަން އުޅޭ އިސްލާހުތައް ޓެރަރިޒަމުގެ ގާނޫނު އެކުލަވާލިއިރު ހިމެނިނަމަ ގެއްލުވާލާފައިވާ މީހުންގެ ހައްގުގައި ވާހަކަ ދައްކާ މީހުންނާ އަޑުއުފުލާ ޖަމިއްޔާތައް ވެސް ޓެރަރިޒަމްގެ ކުށުގައި ބެދޭނެ ކަމަށެެވެ. އަދި ޓެރަރިޒަމުގެ ވިއުގައެއް އިދާރާތަކުގެ ތެރޭގައި އޮތް ކަމަށް ބުނާ މީހާވެސް ކުރީ ކުށެއް ކަަމަށް ބަލައި ދައުވާ ކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ގާނޫނަށް ޚިލާފަށް ޖަލުގައި އަށް މަސް ވަންދެން ގެންގުޅުނީ ޓެރަރިޒަމުގެ ގާނޫނުގެ ދަށުން ގާނޫނާ ހިލާފަށް ކަން ފާހަގަކުރައްވަމުން މައުމޫން ހަމީދު ވިދާޅުވީ އޭރު އެކަން ހުއްޓުވަން ކެރުނު އެއްވެސް ފަރާތެއް ނެތް ކަމަށެވެ. އެހެންކަމުން އާންމު ރައްޔިތަކަށް އެފަދަ ހާލަތެއްގައި ބިރުވެރިކަން ކުރިމަތިވާނެ މިންވަރާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާރު ލިބިފައިވާ މީހުން އެބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، އާންމު ރައްޔިތުންނަށް އަނިޔާވެރިވާ މައްސަލަ ކަމަށެވެ. އަދި އެ ކަންކަން ބަލަންޖެހޭ އިދާރާތަކުން އަޅާނުލުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެެވެ.