އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އުރުދުން ވާދީ އިސްރާއީލުގެ ދާއިމީ ބަޔަކަށް ހަދާނޭ ކަމަށް ބުނެ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވުމުން، އދއިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނު މިއަދު ވިދާޅުވީ، ނަތަންޔާހޫގެ މި ވައުދާއި އަދި އުރުދުން ވާދީ އިސްރާއީލުގެ ބަޔަކަށް ހެދުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް، ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

އިސްރާއީލުގެ އާންމު އިންތިޚާބު އަލުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ނަތަންޔާހޫ ގެންދަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ ވައުދުތައް ވަމުންނެވެ.

އެގޮތުން، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ޔަހޫދީ އާބާދީތައް ހަދާފައިވާ ބިންތައްވެސް އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ހަދާނޭ ކަމަށް ނަތަންޔާހޫ ވައުދުވެފައި ވެއެވެ. އުރުދުން ވާދީގެ އިތުރުން، ޑެޑްސީގެ ސަރަހައްދެއްވެސް އިސްރާއީލުގެ ބަޔަކަށް ހަދާނޭ ކަމަށް ނަތަންޔާހޫ ވައުދުވެފައި ވެއެވެ.

މިއީ، މުޅިންވެސް 1967 ގައި އިސްރާއީލާއި އަރަބީންނާ ދެމެދު ކުރި ހަދުވަހުގެ ހަނގުރާމައަށްފަހު އިސްރާއީލުން ހިފާފައިވާ ބިންތަކެވެ. ނަމަވެސް، އެއިން އެއްވެސް ބިމެއް އިސްރާއީލުގެ ބައެއްގެ ގޮތުގައި އދއާއި ދުނިޔެވެސް ބަލައެއް ނުގަނެއެވެ.

އުރުދުން ވާދީއަކީ މުޅި ހުޅަނގު އައްސޭރީގެ ތިރީސް އިންސައްތައެވެ.

އެބިންތައް އިސްރާއީލުގެ ދާއިމީ ބިންތަކުގެ ގޮތުގައި ހަދާނޭ ކަމަށް ނަތަންޔާހޫ ވައުދުވުމާ ގުޅިގެން އަރަބި-އިސްލާމީ ދުނިޔެއާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުން އެބަގެންދެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އުރުދުން ވާދީ އިސްރާއީލުގެ ބަޔަކަށް ހަދާނޭ ކަމަށް ނަތަންޔާހޫ ވި ވައުދަކީ ފަލަސްތީނާއެކު ސުލްހަވުމަށް އޮތް ފުރުސަތަށް ކުރިމަތިވާނެ ބޮޑު މައްސަލަކަށް ކަމަށެވެ.

މިފަހުން އިސްރާއީލާ ގާތް ގުޅުންތަކެއް އުފައްދަމުން އައި، ސަރަހައްދުގެ ބާރުގަދަ ދައުލަތް ކަމަށް ބުނާ ސައުދީ އަރަބިއްޔާއިންވެސް ނަތަންޔާހޫގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން މިރޭގެ ވަގުތެއްގައި ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، އުރުދުން ވާދީގެ މައްސަލާގައި ރަޝިޔާއިންވެސް ވަނީ ނަތަންޔާހޫގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.