ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގެ މަގުސަދާ މެދު އިދިކޮޅު މެމްބަރުން ސުވާލު އުފައްދަވައި އެވެ.

ދައުރުން ބޭރުގައި މިއަދު ޖަލްސާއެއް ބޭއްވީ އެމްޑީޕީގެ 29 މެމްބަރުން ސޮއިކުރައްވާ މިފަދަ ޖަލްސާއެއް ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދެންނެވުމުންނެެވެ.

ދައުރުން ބޭރުގައި މިއަދު ޖަލްސާއެއް ބޭއްވީ ޓެރަރިޒަމް މަނާ ކުރާ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހަޅަން ބޭނުންވާތީ އެކަމަށް ފުރުސަތު ދިނުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރަގެ މެމްބަރު އަދި ކުރީގެ ޑެފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް މުހިއްމު ކަމެއް ކުރިމަތިވާ ވަގުތު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށެވެ. ކުއްލިއަކަށް ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގައި މައްސަލަތަކެއް ހުރެގެންތޯ ވެސް އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފަ އެވެ.

މަރު ކޮމިޝަންގެ ރިޕޯޓް މަޖިލީހުގެ ރައީސް މަޖިލީހުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ހިއްސާކުރައްވާފައިވާ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ރިޕޯޓްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކެއް ހުރުމުން އޭނާ އެ ރިޕޯޓްގެ އެއްވެސް މައުލޫމާތެއް ހާމަކުރައްވާފައި ނުވާނެ ކަމަށެވެ. މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓެއްގައި ހުރި މައުލޫމާތު ހާމަވެ، ރިލްވާންގެ ތަހުގީގަށް ހުރަސް އެޅޭނަމަ މަޖިލީހުގެ ޖަލްސާއެއް ކޮންމެ ވަގުތަކުވެސް ބާއްވަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަނީ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު ރާއްޖެއަށް ހަމަލާއެއް ދީފާނެތީ އެކަމުގެ ބިރުއޮތުމުންތޯ ވެސް އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި އެހެން ގޮތަކުން ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ހިނގަނީތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ކުއްލި ޖަލްސާއެއް ބާއްވަންޖެހޭ ސަބަބުތައް މެންބަރުންނަށް ސާފުކޮށް ބުނެދޭންޖެހޭ ކަމަށެވެ.

ކުޑަހުވަދޫ ދާއިރަގެ މެމްބަރު އަހްމަދު އާމިރު ވެސް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ޖެހޭ ސަބަބު ރައްޔިތުންނަށާއި މެންބަރުންނަށް އެނގެން ޖެހޭ ކަމަށެވެ. އާމިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް ކުއްލި ހާލަތެއް މެދުވެރިވެގެން ކަމަށް ބަލައި، ގާނޫނެއް ފާސްކުރަން ޖެހޭ ހަގީގީ ސަބަބަކީ ކޮބައިކަން ވެސް އެނގެންޖެހޭ ކަމަށެވެ.

އާމިރު ވިދާޅުވީ ގައުމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެކަމަކު ސަލާމަތްވުމަށް ކުރަންޖެހޭ ކަމެއް މަޖިލީހުން ކޮށްދޭންޖެހޭނެ ކަމަށެެވެ. އެކަމަކު މިވަގުތު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލަކީ ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާނަމަ އެ ހާލަތެއް ކުރިމަތިވި ވަގުތެއް އެނގުން ކަމަށެވެ.

މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރިލްވާން މައްސަލައިގެ ރިޕޯޓު މަޖިލީހުގެ ޕީޖީ ލީޑަރުންނާ ހިއްސާ ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެ ވަޑައިގެންނެވި ކަން އެމަނިކުފަނު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުން އެނގިގެންދާ ކަމަށެވެ. އޭގެފަހުން ކުއްލިއަކަށް ފުލުހުން ނިކުމެ މުޅި މާލެއާއި ބައެއް ރަށްތަކުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގީ ރިލްވާންގެ މައްސަލާގައިތޯ ނުވަތަ އެއަށްވުރެ ބިރުވެރި ކަންތައްތަކެއް ރާއްޖެއަށް ކުރިމަތިވެގެންތޯ ސުވާލު އުފެދޭ ކަަމަށެވެ.

ޕީޕީއެމްގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ މަޖިލިސް ޗުއްޓީގައި ވަނިކޮށް ހާއްސަ ޖަލްސާއެއް ބާއްވަނީ ގާނޫނެއް އިސްލާހުކޮށްގެން ބަޔަކު ހައްޔަރުކުރަންތޯ ސުވާލު އުފައްދަވާފަ އެވެ. ސަލީމު އިތުރަށް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ބަޔަކު ހައްޔަރުކުރަން ކަމަށްވާނަމަ އެއީ 2008 ގެ ކުރިން އަމަލުކުރަމުން ދިޔަ ނޫގާނޫނު އަސާސީގެ ދުވަސްވަރަށް ގައުމުގެ ހާލަތު ދިޔައީ ކަމަށެވެ.