ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ޖިނާހު އައްޔަން ކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާ އަށް މިއަދު މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

މުހައްމަދު ޖިނާހަށް މަގާމުގެ ފަތްކޮޅު ދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ޖިނާހު މީގެ ކުރީން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ. ޖިނާހު މީގެ ކުރިން ވަނީ ޕަބްލިކް ވޯކްސް މިނިސްޓްރީގައި ޑްރާފްޓްސްމަން ޓްރެއިނީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރަކަށް ޖިނާހު އައްޔަންކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.

ނިމިދިޔަ ސަރުކާރުގައި ދިވެހި ސަފީރުގެ ގޮތުގައި ތައިލެންޑްގައި އެންމެ ފަހުން ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރު ނިންމާލުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ 11 ބޭފުޅަކު ސަފީރު ކަމަށް އައްޔަންކުރުމަށް ރުހުން ދީފަ އެވެ. މީގެތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ ސަފީރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ވެސް ދެއްވާފަ އެވެ.

ތައިލެންޑަކީ ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށް އަދި ބޭރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އިގްތިސޯދުގައި މުހިއްމު ގައުމެކެވެ.