ކެއްކުމުގައި ބޭނުންކުރާ އިންޑިއާގެ ވަރަށް މަޝްހޫރު އުފެއްދުމެއް ކަމަށްވާ، ސަމްބަރު މަސާލާގެ އުފެއްދުންތައް އެމެރިކާގެ ފިހާރަތަކުން އަނބުރާ ނަގައިފިއެވެ.

އެގޮތުން، ފިހާރަތަކުން އަނބުރާ ނަގާފައިވަނީ ސަމްބަރު މަސާލާގެ ބައެއް ބެޗްތަކުގެ އުފެއްދުންތަކެވެ.

އެ އުފެއްދުންތައް ފިހާރަތަކުން ނަގާފައިވަނީ، ކުނިވެ ތަޣައްޔަރުވެފައި ހުރުމުގެ ސަބަބުން ކަމަށް އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނެފައި ވެއެވެ.

ސަމްބަރު މަސާލާއަކީ މިރުހާއި، ތަކުރާރީގެ ބާވަތްތައް މުގުރައިގެން އަޅައިގެން ހަދާފައި ހުންނަ އެއްޗެކެވެ. ސަމްބަރު މަސާލާ ހުންނަނީ ޕެކެޓްތަކުގައި ބަންދުކޮށްފައެވެ.

މިއީ އިންޑިއާގައި ކޮންމެ ދުވަހެއްގެ ވެސް ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތެކެވެ. ސަމްބަރު މަސާލާއަކީ ދެކުނު އިންޑިއާގެ އާއިލާއަކުން ހިންގާ އެމްޑީއެޗް ނަމަކަށްކިޔާ ކުންފުންޏަކުން އުފައްދާ ބާވަތްތަކެކެވެ.

އެމެރިކާގެ ކެލިފޯނިއާގެ އުތުރުގެ ސަރަހައްދުތަކުގެ ފިހާރަތަކުގައި ސަމްބަރު މަސާލާގެ އެކި އުފެއްދުންތައް ވިއްކަން ހުރެއެވެ.

އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަމްބަރު މަސާލާގެ މައްސަލަޖެހުނު ބެޗްތަކުގެ އުފެއްދުންތައް ބޭނުންކުރުމުގެ ސަބަބުން އެއްވެސް މީހަކަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވިކަމަށް އަދި ރިޕޯޓްކޮށްފައި ނުވާކަމަށެވެ.

ފިހާރަތަކުން ނެގި ސަމްބަރު މަސާލާއިން ފެނުނު ސަލްމޮނެލާ ބެކްޓީއަކީ ވަރަށް ސީރިއަސް ބަލިތަކެއް ޖައްސާ ބެކްޓީރިއާއެއް ކަމަށާއި، ޚާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށިކޮށް ތިބޭ މީހުންނަށް މީގެ ނުރައްކާ ބޮޑު ކަމަށް އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނެފައި ވެއެވެ.

ސަލްމޮނެލާ ބެކްޓީރިއާގެ ސަބަބުން ހަތަރެއް ނުވަތަ ހަތްދުވަސް ވަންދެން ބަލީގައި އުޅެންޖެހިދާނޭ ކަމަށާއި، އެހެން ނަމަވެސް ގިނަމީހުން އެއްވެސް ފަރުވާއަކާ ނުލައި ރަނގަޅުވާ ކަމަށްވެސް ބުނެފައި ވެއެވެ.

ސަމްބަރު މަސާލާގެ ބައެއް ބެޗްތަކުގެ އުފެއްދުންތައް އެމެރިކާގެ ފިހާރަތަކުން ނެގި މައްސަލާގައި، އިންޑިއާގެ ފޫޑް ސޭފްޓީ އެންޑް ސްޓޭންޑަރޑް އޮތޯރިޓީން އަދި އެއްވެސް ނުބުނެއެވެ. އިންޑިއާގެ ބާޒާރުގައި ހުރި އެ އުފެއްދުންތަކުން މައްސަލައެއް ފެނިފައިވާ ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލާގައި، ސަމްބަރ މަސާލާ އުފައްދާ ދެކުނު އިންޑިއާގެ ކުންފުނިންވެސް އަދި އެއްވެއް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.