މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް 327 ސައިޓަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ހުރި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަލާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިގޮތުން ފާހަގަވާ މައްސަލަތައް ދުވަހުން ދުވަހަށް މާލެ ސިޓީ ކައުންސިލާ ހިއްސާކުރަމުންދާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ދަނީ ރެގިޔުލޭޓަރީ އޮނިގަނޑު ވަރުގަދަކުރުމަށްޓަަކައި ބިލްޑިންގ ރެގިޔުލޭޓަރީ ކެޕޭސިޓީ އެސެސްމަންޓެއްގެ މަސައްކަތް ވޯލްޑްބޭންކް މެދުވެރިކޮށް ކުރުމަށްފަހު މި މަސައްކަތުގެ ރިޕޯޓް ފައިނަލްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އަދި އިމާރާތްތައް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އިމާރާތްކުރުމުގެ ޤާނޫނާއި އެއްގޮތަށްތޯ ބަލާ ފާސްކުރުމާއި އިމާރާތުގެ ސަލާމަތީ ފެންވަރު ވަޒަންކުރުމާއި އިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރަމުންކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ އިމާރާތްކުރުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ 13 ގަވާއިދެއް އޮތީ މިދިޔަ އަހަރާ ހަމައަށް އެކުލަވާނުލެވި ކަމަށެވެ.

އެހެންކަމުން އިމާރާތްކުރާ ސައިޓްތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުއައްޒަފުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން އޮތީ ހަރުދަނާ އުސޫލެއްގެ މައްޗަށް ތަރުތީބުވެފައި ނޫންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވަނީ އެ ގަވާއިދުތައް ހަދާ މިއަހަރުގެ މާރޗްމަހުގެ ތެރޭ އެއަށް އަމަލުކުރަން ފަށާފައެވެ.