ސަގާފީ ތަރިކައިގެ ބިލާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ސަޤާފީ ތަރިކައިގެ ބިލަކީ މިއަހަރުގެ އޯގަސްޓްމަހުގެ 28 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ގާނޫނުގެ ބިލެވެ.

ރާއްޖޭގެ ސަގާފީ ތަރިކަ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ދެނެގަނެ، ސަގާފަތް ދިރުވައި އާލާކޮށް، އެ ތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމަކީ މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި އެކިއެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ޤާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ޤާނޫނުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކުރާ ކަންކަމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ވެސް މިބިލުގައި ހިމެނެއެވެ.

ސަޤާފީ ތަރިކައިގެ ބިލުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިހިނގާ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 45 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މިބިލުގައި މީރާގެ ބޯޑު އެކުލެވިގެންވާ ގޮތަށް އިސްލާޙް ހުށަހަޅާފައިވެއެވެ.

އެގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށްކަން ބަޔާންކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

މީގެ އިތުރުންވެސް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ އެކިއެކި މާއްދާތަކަށްވެސް މިބިލުން އިސްލާހު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމާބެހޭ މާއްދާއަކާއި މުއާހަދާއަށް އަމަލުކުރުމާބެހޭ މާއްދާއެއް އިތުރުކޮށް ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުހީގެ ނަން ބަދަލުކުރުންވެސް ހިމެނެއެވެ.