ސްރީލަންކާގައި ބާއްވާ ބައިނަލްއަޤްވާމީ ރާޒުވާ މުބާރާތެއް ކަމަށްވާ ބުއްދި އިންޓަނޭޝަނަލް އޯޕަން ރޭޓިން ޗެސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މުބާރާތުގައި ރާއްޖެއިން ޖުމްލަ 12 ކުޅުންތެރިން ވާދަކުރެއެވެ. ތިން އުމުރުފުރައަކުން މި މުބާރާތުގައި ރާއްޖެއިން ވާދަކުރޭ،، އެއީ 8 އަހަރުންދަށާއި 10 އަހަރުންދަށުގެ އިތުރުން 12 އަހަރުންދަށެވެ.

މުބާރާތުގެ 8 އަހަރުންދަށުގައި ރާއްޖެއިން ވާދަކުރާ ކުޅުންތެރިންނަކީ އައިޝަރު އީވާ ހަސަން އާއި މަރިޔަމް އީނާލް މުއާވިއަތް އާއި ކައިސާ އިރްފާން ނަސީރު އާއި ޔުއާން އަކްތަރު ޒާހިރު އެވެ. ދިހަ އަހަރުންދަށުގެ އުމުރުފުރާގައި ރާއްޖެއިން ވާދަކުރާ ކުޅުންތެރިންނަކީ އާމިނަތު އަމްނާ ސިރާ އާއި އާމިނަތު ސާރާ ހަލީމް އާއި މުހައްމަދު އަލްމާން ހަސަން އާއި ރާސިލް އިބްރާހިމް ރަޝީދު ސާބިގު އާއި މުހައްމަދު ލޫތު އިސްމާއީލް އެވެ.

މުބާރާތުގެ 12 އަހަރުންދަށުގައި ވާދަކުރާ ކުޅުންތެރިންނަކީ ޔޫސުފް ވަސީމް އަހުމަދާއި މަރިޔަމް މިޝްކާ މިގުދާދު އާއި ޔޫސުފް ޝަރީފު އަހުމަދު އަދި އައިޝަތު ސާރާ އިސްމާއީލް އެވެ.

ކޮންމެ ކުޅުންތެރިއެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ 10 ބުރެވެ. މިއީ އޯޕަންކޮށް ކުރިޔަށްގެންދާ މުބާރާތަކަށް ވުމާއެކު ރާއްޖެއިން ވާދަކުރާ ކުޅުންތެރިން އުމުރުން ހަނގު ކުޅުންތެރިންނާވެސް ވާދަކުރަން ޖެހެއެވެ. އޭޖު ކެޓަގަރީތަކުން ވަަނަ ހޮވާނީ އެ ކުޅުންތެރިއެއްގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.

ރާއްޖޭގައި ރާޒުވާގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން ޖޫނިއާ ގައުމީ ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އިންޑިއާގެ ޗެސް އެސޯސިއޭޝަނާއެކު ރާއްޖެއިން ވަނީ ހާއްސަ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ.

މި އެމްއޯޔޫގެ ދަށުން އިންޑިއާގެ ފަރާތުން ރާއްޖޭގެ ޗެސް ކުރިއެރުވުމަށް ގިނަ އެހީތަކެއް ވެދޭނެއެވެ. ސަރުކާރުން ވަނީ ދާދިފަހުން ރާޒުވާ ކުޅުމަށް ހާއްސަ ތަނެއް އެސޯސިއޭޝަނަށް ދީފައެވެ.