ގަވާއިދާ ހިލާފަށް މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދާތީ އާޒިމްގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ 29 މެމްބަރުން ސޮއިކޮށް ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެދިފައިވާނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ.

މަޖިލީހަށް ފޮނުވި ސިޓީގައި ޖަލްސާ ބާއްވަންޖެހޭ ސަބަބުތައް ބަޔާންކޮށްފައިވާނެ ކަމަށާ އެހެން ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމުގެ ކުރިން ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މުހިއްމު ކަމުގެމައްޗަށް އެއްގަޑިއިރުގެ ބަހުސްއެއް ކޮށް މަޖިލީހުގެ ރައީސްއަށް ދަންނަވަން ޖެހޭނެ ކަމަށް ގާބޫލު ނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެދި މަޖިލީހުގެ ރައީސަށް ދެންނެވުމުން މަޖިލީހުގެ ރައީސް އެޖަލްސާއެއް ތާވަލް ކުރެއްވުމަށްފަހު، މިގޮތަށް މަޖިލީހުގެ ގަވާއިދާ ހިލާފަށް ނުވަތަ މަޖިލީހުގެ ގަވައިދުގައި ނެތް ގޮތަކަށް ރިޔާސަތުން އަމަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އާޒިމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަ ސަބަބުތައް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އާޒިމްގެ އެވާހަކަތަކަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެސިޓީ ލިބިވަޑައިގެންފައިވާ ކަމަށާ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ އެހެންވެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސަތުން ހިންގާ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު މަޖިލިހުގެ ގަވާއިދުގައި ރައީސަށް ލިބިގެންވާ ކަމަށެވެ.

މިގޮތަށް ބަހުސަށް ހުޅުވާލުމުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެކަމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ބައެއް މެމްބަރުން ވިދާޅުވީ ޖަލްސާ ބޭއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބަހުސްނުކޮށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ސީދާ ބިލަށް ބަހުސް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ޖަލްސާގެ މުހިންމުކަން އަންގަން ބޭނުންނަމަ ބިލު ހުށަހެޅި މެމްބަރު މަޖިލީހުގެ މެމްބަރުންނަށް ސަބަބުތައް ސާފުތައް ބަޔާން ކޮށްދެއްވުމަށްވެސް މެމްބަރުން އެދިވަޑައިގެންނެވިއެވެ.

މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުގައި ބޭއްވި ޖަލްސާއަކީ ސަރުކާރު ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުން ބޭއްވި ޖަލްސާއެކެވެ.