ނިއުރޭޑިއަންޓަށް 2017 ވަނަ އަހަރު ކޯޗުކަން ކޮށްދިން ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭސްއަށް 30 ދުވަހުގެ ތެރޭގައި މުސާރަ ނުދީފިނަމަ އެ ކުލަބަށް ކުޅުންތެރިން ނުގެނެވޭގޮތަށް އަދަބުދިނުމަށް ފީފާއިން އިންޒާރުދީފިއެވެ.

މީގެ ހަތަރުމަސް ކުރިން ފީފާގެ ޕްލޭޔާޒް ސްޓޭޓަސް ކޮމެޓީން ވަނީ ނިއުރޭޑިއަންޓަށް އިންޒާރުދީފައެވެ. ފީފާއިން އަނެއްކާވެސް އިންޒާރު ދީފައިވަނީ ނިއުރޭޑިއަންޓަށް ދިން މުއްދަތުގެ ތެރޭގައި އެ އެންގުމަށް އަމަލުކޮށްފައި ނުވާތީއެވެ.

މި މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހު ކޮޅު ޕްލެއާސް ސްޓެޓަސް ކޮމިޓީން ވަނީ ޓަވަރެސްގެ މުސާރައިގެ ގޮތުގައި 4،000 ޑޮލަރުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި އޭނާއަށް 20،000 ޑޮލަރުގެ އަދަދެއް ދިނުމަށް ނިއު ރޭޑިއަންޓަށް އަންގާފައެވެ. އަދި ޖޫރިމަނާގެ ގޮތުގައި ފީފާއަށް ވެސް 8000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެފަހަރު ފީފާއިން ވަނީ އަންގާފައެވެ.

މި އެންގުމަށް އަމަލުކޮށްފައި ނުވުމާއެކު ފީފާއިން ވަނީ ކުރިޔަށްއޮތް 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އިތުރު އިންޒާރަކާ ނުލާ އެ ކުލަބާމެދު ފިޔަވަޅުއަޅާނެ ކަމަށް އަންގާފައެވެ. މި މުއްދަތު އަންނަ އޮކްޓޯބަރ މަހުގެ ހަތަރަކަށް ހަމަވާއިރު މި މުއްދަތުގެ ތެރޭގައި ފީފާއިން އަންގާފައިވާ ގޮތަށް ފައިސާ ނުދައްކައިފި ނަމަ އެކްލަބާ މެދު ފިޔަވަޅު އެޅުމަށް ފީފާއިން ވަނީ ނިންމާފައެވެ.

ފީފާގެ ނިންމުމާއި ހިލާފުވެއްޖެނަމަ ނިއުއަށް ލިބޭ އަދަބުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރާންސްފާ ބާޒާރުގައި އެއްވެސް މުއާމަލާތެއް އެ ކުލަބަކަށް ނުހިންގޭނެއެވެ. ފީފާގެ ނިންމުމުގައިވާ ގޮތުން އެކްލަބުން ނިންމުމާ އެއްގޮތަށް ފައިސާ ޖަމާކޮށް، އެކަން ފީފާއަށް އެންގުމާ ހަމައަށް މި އަދަބު ކުރިއަށްދާނެެއެވެ.

ފީފާއިން ވަނީ ހަތަރެއް އޮކްޓޯބަރުގެ ނިޔަލަށް ނިއުރޭޑިއަންޓުން ފައިސާ ނުދައްކައިފި ނަމަ ގައުމީ ފެންވަރުގައި ކުލަބާމެދު ފިޔަވަޅު އެޅުމަށް އެފްއޭއެމަށް އަންގާފައެެވެ. އެފަދަ ހާލަތެއްގައި ފީފާގެ ނިންމުމާ އެއްގޮތަށް ރާއްރޭގެ އެސޯސިއޭޝަނުން އަމަލުކުރާނެ ކަމުގެ ހެކި ހުށަހެޅުމަށް ފީފާއިން ވަނީ އަންގާފައެވެ. އަދި އެ އެންގުމާއި ހިލާފުވެއްޖެ ނަމަ ފީފާގެ މެމްބަރެއްގެ ގޮތުގައި އޮތް ރާއްޖެ ވަކިކުރަން ޖެހިދާނެކަމަށްވެސް ބުނެފައިވެއެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިީޓިން ނިއު ރޭޑިއަންޓަށް އަންގާފައިވަނީ 22 އޮގަސްޓް 2019 ވަނަ ދުވަހު ނިންމި ނިންމުމާ އެއްގޮތަށް 24،000 ޑޮލަރު ޓަވަރެސް އަށް ދިނުމަށެވެ. މީގެ އިތުރުން ފީފާއަށް ދައްކަން ޖޫރިމަނާގެ ގޮތުގައި 13،000 ޑޮލަރު ދެއްކުމަށެވެ.