އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަނެ، މިދިޔަ އޮގަސްޓްމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ ސްޓޭޓުން އިންޓަރނެޓާއި، ފޯނުގެ ޚިދުމަތް ކަނޑާލައި، ކާފިއު ހިންގައި، މުޅި ސްޓޭޓް ބަންދުކުރުމަށްފަހު އިންޑިއާގެ ސަލާމަތީ ބާރުތަކުން މިހާތަނަށް ހަތަރުހާހާ ގާތްކުރާ އަދަދަކަށް މުސްލިމުން ހައްޔަރު ކޮށްފިއެވެ.

މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު ހާމަވެފައިވަނީ، އިންޑިއާ ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުންނެވެ. މިމައުލޫމާތު އާންމު ކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

ތަފާސްހިސާބުތައް ބުނާގޮތުން، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި ބަންދުކުރުމަށް ފަހު މިހާތަނަށް ތިންހާސް އަށްސަތޭކަ މީހުން ހައްޔަރު ކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން ދެހާސް ހަސަތޭކަ މީހުން ފަހުންވަނީ ދޫކޮށްލާފައެވެ.

ކަޝްމީރުގެ މިހާ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިފައި ހައްޔަރު ކޮށްގެން އިންޑިއާއިން އުޅޭނީ ކީއްވެގެން ކަމެއް ނުބުނެއެވެ.

އެހެން ނަމަވެސް، އިންޑިއާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ ޕަބްލިކް ސޭފްޓީ އެކްޓްގެ ދަށުން ކަމަށެވެ. އެއީ، ޖައްމޫ އެންޑް ކަޝްމީރުގައި ތައާރަފް ކޮށްފައިވާ ގާނޫނެކެވެ. އެ ގާނޫނުގެ ދަށުން އެއްވެސް ޝަރީއަތަކާ ނުލައި ދެ އަހަރުވަންދެން މީހުން ބަންދުކޮށްފައި ބޭތިއްބެވެ.

ހައްޔަރުކޮށްފައިވާ މީހުންނާ ގުޅޭ ތަފާސްހިސާބުން މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދުތަކާއި، އެމީހުން ހައްޔަރުކުރި ތަނާއި ވަގުތާއި، އެއީ ކޮންބައެއްކަންވެސް ހިމަނާފައި ވެއެވެ.

ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަތުމަށްފަހު، އިންޑިއާއިން މިހާތަނަށްވަނީ ކަޝްމީރުގެ ދުއިސައްތައަށްވުރެ ގިނަ ސިޔާސީ ލީޑަރުންވެސް ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައިވާ ސިޔާސީ ލީޑަރުންގެ ތެރޭގައި ކަޝްމީރުގައި ކުރިން ޗީފް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅުންވެސް ހިމެނިވަޑައި ގަންނަވައެވެ.

ހައްޔަރު ކޮށްފައިވާ ސަތޭކައެއްހާ ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުންނަކީ އިންޑިއާގެ ކިބައިން ކަޝްމީރު މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ.

އިންޑިއާއިން ހައްޔަރު ކޮށްފައިވާ ކަޝްމީރުގެ ތިންހާހަށްވުރެ ގިނަމީހުންނަކީ، އިންޑިއާގެ ސަލާމަތީ ބާރުތަކާ ދިމާއަށް އޮށްގާ އުކައިގެން ހައްޔަރު ކޮށްފައިވާ މީހުންނެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ޖަލުތައް ފުރިގެން، އިންޑިއާއިން ހައްޔަރު ކޮށްފައިވާ ބައެއްމީހުން އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ޖަލުތަކަށް ގެންދާއިރު، މިދިޔަ އާދީއްތަ ދުވަހުވެސް 85 ގައިދީއަކު ވަނީ އިންޑިއާގެ އުތުރުގެ އާގްރާގެ ޖަލަކަށް ބަދަލުކޮށްފައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފައިވަނީ، މުވާސަލާތީ ޚިދުމަތް ކަނޑައި، ހަމައެއްލަމައެއްނެތި މީހުން ހައްޔަރު ކުރުމުގެ ސަބަބުން އާންމުންގެ މެދުގައި ވަރަށް ބޮޑު ބިރުވެރިކަމެއް ފެތުރިފައިވާ ކަމަށެވެ. އަދި މަސްރަހް އިތުރަށް ގޯސްވެފައިވާ ކަމަށެވެ.