ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން ކަމަށް ޕްރެޒެންޓަރ އަދި ނޫސްވެރިޔާ އަހުމަދު އަނޫޝް ހަމަޖައްސައިފި އެވެ.

ސްޕޯކްސް ޕާސަން ކަމަށް އަނޫޝް ހަމަޖައްސާފައި ވާއިރު އެ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަންއަކީ ކުރިންވެސް އެ މަޤާމުގައި ހުންނެވި އަލީ ޞާލިހު ކަމަށް ޖުމްހޫރީ ޕާޓީން ބުނެ އެވެ.

އަނޫޝްއަކީ މީޑިޔާގެ ދާއިރާގައި 11 އަހަރަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ އަދި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. މީގެއިތުރުން އެ ދާއިރާއިން އަނޫޝްވަނީ ބެޗެލަރސް ޑިގްރީއެއްވެސް ހާސިލު ކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން ކަމުގެ މަޤާމަށް އަނޫޝް ހަމަޖައްސާފައި ވާއިރު އެ ޕާޓީން އަންނަނީ މެމްބަރުން އިތުރުކުރުމުގެ މަސައްކަތަކެއް ކުރަމުންނެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް ޖޭޕީން އަންނަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުން ނޮވެމްބަރ މަސް ނިމެންވާއިރަށް ރަށްރަށުގެ ޖޭޕީގެ ގޮފިތައް އުފެއްދުމުގެ މަސައްކަތްވެސް އެޕާޓީން އަންނަނީ ކުރަމުންނެވެ.