ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގެ ކަންކަމަށް ޚާއްސަކޮށްގެން މަސައްކަތް ކުރާ ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޑްވެސްޓަރ އިން ނެރޭ ޓެބްލޮއިޑެއް ކަމަށްވާ ރެސްޓިނޭޝަން ވެބްސައިޓް ތައާރަފުކޮށްފިއެވެ.

އެޑްވެސްޓަރ އަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. އެގޮތުން މި ކުންފުނިން ތައާރަފުކުރި ވެބްސައިޓާއެކު ރާއްޖޭގެ ފަތުރުވެރިކަމާ އަދި ދަތުރުފަތުރާ ގުޅިގެން އެކި ލިޔުންތަކެއް ކުންފުނީގެ ވެބްސައިޓުން ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މި ވެބްސައިޓާ ގުޅިގެން މައުލޫމާތު ދެއްވަމުން ރެސްޓިނޭޝަންގެ އެސިސްޓެންޓް އެޑިޓަރ އަހުމަދު އާއިދު ވިދާޅުވީ މި ވެބްސައިޓުގައި ރާއްޖެ އަންނަ އެކި ފަންތީގެ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ލިޔުންތަކެއް ޝާއިއުކުރެވިގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިންނަށް ރާއްޖޭގައި ކުރެވުނު ތަޖުރިބާ ހިމެނޭގޮތަށް ތަފާތު ލިޔުންތަކެއް މި ވެބްސައިޓުން ފެނިގެންދާނެ ކަމަށް އާއިދު ވިދާޅުވިއެވެ. އަދި މި ދާއިރާގެ އެކި ޚަބަރުތައް ދުވަހުން ދުވަހަށް އަޕްޑޭޓްވަމުންދާނެ ކަމަށްވެސް އާއިދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ޓެބްލޮއިޑާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އާއިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޗުއްޓީތަކުގައިވެސް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ފަރާތްތަކުން ހަމައެކަނި ބޭނުންވަނީ ރަނގަޅު މަންޒިލަކާ، ހިތްހަމަޖެހިގެން އެތަނެއްގައި ހުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރުން ނޫން ކަމަށެވެ. އެތަންތަނުގެ ރީތިކަމާ ފުރިހަމަކަން ތަޖުރިބާކޮށްލަން އެމީހުން ބޭނުންވާ ކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް މިކަންކަން ތަޖުރިބާކޮށްލުމަށް ކުރަންޖެހޭ ކަންކަމާއި، މިކަންކަން ފަތުރުވެރިންނަށް އޮޅިންފިލުވައިދިނުމަށް ރެސްޓިނޭޝަންއިން މަސައްކަތްކުރާނެ ކަމަށް އާއިދު ވިދާޅުވިއެވެ.

އާއިދު ވިދާޅުވީ މި ވެބްސައިޓުގައި ހާމަކުރާނީ އިތުބާރުހިފޭ މައުލޫމާތުތައް ކަމުގައެވެ. އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބެ ރާއްޖެ އައުމަށް މަސައްކަތްކުރާ ވިޔަފާރިވެރިންނަށްވެސް، އަދި ހަނީމޫނަށް އަންނަން ރާވާ ފަރާތްތަކަށްވެސް އެމީހުން ރާއްޖޭގައި ހޭދަކުރާ ދުވަސްވަރު އެންމެ ފުރިހަމަ ހިދުމަތް ހޯދުމަށް ދާނީ ކޮންތަނަކަށްކަން މި ޓެބްލޮއިޑް މެދުވެރިކޮށް އެމީހުންނަށް އެނގޭނެ ކަމަށް އާއިދު ވިދާޅުވިއެވެ.

އެޑްވެސްޓަރ އިން ބުނީ މި ވެބްސައިޓުގައި މައުލޫމާތު ހިމަނާނީ ރެސްޓިނޭޝަންގެ ރިސާޗް ޓީމަކުން ގިނަ ބެލުންތަކެއް ބެލުމަށްފަހުގައި ކަމަށެވެ. އަދި މި މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށްވެސް ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ. އެގޮތުން ވެބްސައިޓުގެ ފުރަތަަމަ ޗާޕު އަދަދު އަންނަ މަހުގެ ތެރޭގައި ނެރުމަށް ވަނީ ނިންމާފައެވެ.