ބުރާސްފަތި ދުވަސް ވެގެންދިޔައީ އަޅުގަނޑަށް ވަރަށް އާދަޔާ ޚިލާފު އާ ކަމެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބުނު ދުވަހަކަށެވެ. ޓެކްސީއެއްގެ ހުންގާނުގައި ނުހިފައި ނަމަވެސް ޑްރައިވަރެއްގެ އިހުސާސާއި އެކުރާ މަސައްކަތް ތަޖުރިބާ ކޮށްލަން ފުރުސަތު ލިބުނެވެ. މިއީ އަހަރެން ކުރާނެ ކަމަަށް ދުވަހަކުވެސް ޚިޔާލަށްވެސް ގެނައި ކަމެއް ނޫނެވެ. ނަމަވެސް ޑްރައިވަރުންގެ ޖަމިއްޔާއިން ދިން ފުރުސަތުގެ ބޭނުން ހިފައި ޓެކްސީ ޑްރައިވަރެއްގެ މަސައްކަތު ދުވަހުން 8 ގަޑިއިރު އޭނާއާ އެކު ހޭދަކުރީމެވެ. މިއީ ޑްރައިވަރަކު ކުރާ މަަސައްކަތާއި ޑްރައިވަރެއްގެ އިހުސާސްތައް އެންމެ ކައިރިން ލޮލުންދެކެ އަތުންހިފުމަށް މީހަކަށް ލިބޭނެ އެންމެ އަގުހުރި އެއް ފުރުސަތެވެ.

ޑްރައިވަރުންގެ ޖަމްއިއްޔާއިން ހުރިހާ މީޑިއާއަކަށް ފޮނުވި ސިޓީގައިވާ ގޮތަށް ހެނދުނު ހަތެއް ޖެހިއިރު އެ ހަރަކާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޓެކްސީތަކެއް ވީމީޑިއާ އޮފީސް ދޮރުމަތީ ވަނީ ފައްޗަކަށް އެތުރިފައެވެ. އެހެން ބައެއް މީޑިއާތަކުގެ ރިޕޯޓަރުން ވެސް އަޅުގަނޑު އޮފީހަށް އައިއިރު އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ނޫސްވެރިންނާ އެންމެ ގާތުން ކަންކަން އިންތިޒާމް ކުރުމުގެ މަަސައްކަތް ކުރަމުން ދިޔައީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުﷲ އެވެ. އަޅުގަނޑު ވެސް ލަސްކުރުމެއްނެތި ކެމެރާ އާއި މައިކު ހިފައިގެން އޮފީހުން ބޭރަށް ނިކުތީމެވެ. އަދި "ބޭބޭ އަޅުގަނޑުވެސް ބައިވެރިވަމޭ" ބުނުމުން، ކިޔޫގައި ހުސްކޮށް އޮތް ޓެކްސީއަކަށް އެރުމަށް އަޅުގަނޑު ގާތު ބުންޏެވެ. އަދި ޓެކްސީއަށް އަރައި ހަމަޖެހިލައި ޑްރައިވަރުގެ ކުރު ތައާރަފެއް ދިނުމަށް އަޅުގަނޑު އެދުނީމެވެ.

"ބޭބެއަށް ކިޔަނީ އަހުމަދު ހަމީދު. ބ އަތޮޅު ރަށަކަށް ނިސްބަތްވަނީ. މިމަސައްކަތުގައި އުޅޭތާ 23 އަހަރުވީމި. ހަތަރު ދަރިންވެސް ތިބޭ. ކާންބޯން ކުރާ މަަސައްކަތަކީ މިއީ. ކުލި ދައްކައި ލިބޭ އެއްޗަކުން ދެކޮޅު ޖައްސަނީ އަހަރެންނަށް ލިބެ އެއްޗެއްގެ އިތުރަން އަންހެނުން ހެދިކާ ވިއްކައިގެން ލިބޭ އެއްޗަކުން" ޑްރައިވަރު ބުންޏެވެ.

ތައާރަފާއެކު ހަމީދުބެ ސަމާސާ ރާގަކަށް އިތުރު އެހެން އެއްޗެެއްވެސް ބުންޏެވެ. ބޭބެ ބުނެލީ "އަށް ގަޑިއިރު ނިމޭއިރު ކޮއްކޮ އިންނާނީ ހަމަ ވަޅޯވެފަ." މިހެންނެވެ. އަޅުގަނޑަކީ އާންމުކޮށްވެސް ގޮތް ދޫނުކުރާ މިޒާޖުގެ މީހަކަށް ވުމުން ދެރަ ނުވާންވެގެން ބުނެލީމެވެ. ހަމަހިލާ ތިހެނެއް ނުވާނެއެވެ. ތި ހީކުރާ ވަރަށް ވުރެ "ގަދަވާނެ" އެވެ.

އަޅުގަނޑުމެން އޮފީސް ދޮރުމަތިން ނައްޓާލިއިރު ގަޑިން 07:08 ވެއްޖެއެވެ. އާއްމު ދިރިއުޅުމުގެ އެކި ވާހަކަތަކުގައި ތިބެގެން ދަތުރެއް ލިބެތޯ ހެންވޭރު ސޯސަންމަގުން ފެށި ދަތުރުގައި މާގިނަ އިރުތަކެއް ނުވެ މާފަންނު ކޮޅުގައި ހުންނަ އައިޖީއެމް ހޮސްޕިޓަލާ ހަމައަށް ދެވިއްޖެއެވެ. ދުއްވާލަން ވަރަށް ހިތްގައިމު ވަގުތެކެވެ، ޓްރެފިކެއް ނެތެވެ. ބަރުގޮނު އަޅާ އަޑެއް ނީވެއެވެ. އަނެއްކާވެސް އެނބުރި އައިކޮޅަށް މިސްރާބު ޖަހަން ފެށީމެވެ. ގާތްގަނޑަކަށް 0735 ހާއިރު ސެންޓަރުން ގޮވާލިއެވެ. އޭރު އަޅުގަނޑުމެންނަށް ތިބެވުނީ ހެންވޭރު ހީނާމާގެ ޕާކިންގ ޒޯން ކައިރިއެވެ. ސެންޓަރުން ގޮވާލުމާއެކު ދާން ޖެހޭ ގޭދޮށަށް ދާން ނައްޓާލީމެވެ. އެހިސާބަށް ދާން ދެތިން މިނެޓު ވެސް ނުނަގައެވެ. ޓެކްސީ ދުއްވާލުމަށް މަގުމަތި ހަމަ އެންމެ ރަނގަޅު ގަޑިއެެކެވެ.