އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީގެ މާލީ ހާލަތު ހުރި ގޮތުން ކުންފުނީގެ ދަށުން ހިންގާ ވީމީޑިއާ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. ވީމީޑިއާއިން މީހުން މަދުކުރުމާ ގުޅޭގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތަސްލީމާ ސޮއިކުރައްވާ ހުރިހާ މުވައްޒަފުންނަށް ވަނީ ސަރކިއުލާއެއް ފޮނުއްވާފައެވެ. މިސަރކިއުލާގައި ވަނީ ކުންފުނި ހިންގަން ކުރަންޖެހޭ ޚަރަދަށްވުރެ ލިބޭ އާމްދަނީ ދަށްވެ އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ހޯދިފައި ނުވާކަން ފާހަގަކޮށް ކުންފުނި ރީސްޓްރަކްޗަރ ކުރަން ނިންމާފައެވެ.

އައިލެންޑް ބްރޯޑްކާސްޓިންގް ކޮމްޕެނީން ނެރުނު މިސަރކިއުލާގައި ވަނީ ކުންފުނި ދެމެހެއްޓުމަށްޓަކައި ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުންގެ އަަދަދު މަދުކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެކަން ހާމަކޮށްފައެވެ. އަދި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަމުންދިޔަ އެއްވެސް މުވައްޒަފަކު ދޫކޮށްލުމަކީ ފަސޭހަ ނިންމުމަކަށް ނުވިޔަސް ޚަރަދު ކުޑަކުރެވޭނީ މި ފިޔަވަޅު އަޅައިގެން ކަމަށް އައިބީސީގެ ސަރކިއުލާގައި ބުނެފައިވެއެވެ.

މިސަރކިއުލާގައި ކުންފުންޏަށް ގެއްލުންވެ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ހޯދިފައިނެތްކަން ހާމަކޮށްފައިވާތީ މި ރިޕޯޓް ތައްޔާރުކުރުމަށްޓަކައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ކުންފުނީގެ މާލީ ހާލަތު އަޅުގަނޑުވެސް ދިރާސާކޮށްލީމެވެ. އަޅުގަނޑަށް ފާހަގަވެގެން ދިޔައީ ފާއިތުވި ތިން ހަތަރު އަހަރު ތެރޭގައި ވެސް ކުންފުނި ހިންގާފައިވަނީ މާލީ ބޮޑު ގެއްލުންތަކަކާއެކު ކަމެވެ. އަދި އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީން މި މެމޯ ނެރުނީ މިފަދަ ބޮޑު ގެއްލުމަކާއެކު ކުންފުނި ހިންގަން ދަތިވުމުންކަން އެނގިގެންދިޔައެވެ.

މާލީ ބޮޑު ގެއްލުންތަކާކާއެކު ހިންގަމުންދިޔަ ވީމީޑިއާ އަކީ މަދު މުވައްޒަފުންނާއެކު ފައިދާގައި ހިންގާ، ފެންވަރު ރަގަޅު އުފެއްދުންތަކެއް ގެނެސްދޭ ތަނަކަށް ހެދުމަށް އައިބީސީން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. މިމަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވީނިއުސްރޫމް ޚަބަރުގައި އައިބީސީގެ ކޮންސަލްޓެންޓް މުހައްމަދު ރަޒީން ވިދާޅުވީ ވީމީޑީއާއަށް ގެންނަނީ ބައިނަލްއަގުވާމީ މީޑިއާތަކާ އެއްގޮތް އެންމެ ފަހުގެ ޒަމާނީ ބަދަލެއް ކަމަށެވެ. ރަޒީން ވިދާޅުވީ މީޑިއާތައް ފެށިގެން އައި އިރާއި މިހާރާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން ހިންގުމުގެ ނިޒާމާއި މަސައްކަތް ކުރާ ގޮތާއި މަސައްކަތުގައި ގެންގުޅޭ އާލާތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

މީގެ ކުރިން ޚަބަރު ބެލުމަށް، ޚަބަރުގަޑިއަށް ސިޓިންގ ރޫމަށް މީހުން ޖަމާވި ނަމަވެސް، މިހާރު ކޮންމެތާކު ހުރެގެންވެސް ޚަބަރު ބަލާލުމުގެ ފަހި ފުރުސަތު މިއަދުގެ ޓެކްނޮލޮޖީން ވަނީ ފަހިވެފައެވެ. އެގޮތުން ގިނަ މީހުން ޓީވީ ބެލުމުގައިވެސް މިހާރު ޚިޔާރުކުރަނީ އޮންލައިން ސްޓްރީމިން ކަމަށާއި މިހާރުވެސް އޮންލައިން އެޕް މެދުވެރިކޮށް ވީޓީވީ ބަލައި އަދި ވީއެފްއެމް އަޑުއަހާ މީހުން ކޭބަލް މެދުވެރިކޮށް ބަލާ މީހުންނާ އަޅާބަލާއިރު މާގިނަ ކަމަށް ރަޒީން ވިދާޅުވިއެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ބްރޯޑްކާސްޓިން ގެންދެވޭނެ މޮޑެލެއް ހަގީގަތުގައި އެކުލަލާނުލެވި އޮތީ. ރާއްޖެ ޓީވީ، ސަންގު ޓީވީ ފަދަ ޗެނަލްތައް ތަންކޮޅެއް ފަހުން ފެށިއިރު އެމީހުން ފެށީ ވަރަށް ލައިޓްކޮށް. މަދު މުވައްޒަފުންނާއެކު ލައިޓް އިކުއިޕްމެންޓުގައި، އެޗުޑީކޮށް ފެށީ ވެސް، ރިކޯޑްކުރުމާއި އެޑިޓްކުރުމާ ކަންކަން. އަޅުގަނޑުމެން މިޖެހެނީ އެދިމާލަށް މި ޓްރާންސިޝަން ހަދަން. އެގޮތަށް ބަލާއިރު މިހާރު މިނެގޭ ފިޔަވަޅުތަކަކީ ވީމީޑިއާ އަނެއްކާވެސް އަޅުގަނޑުމެން މިބުނާ ސްޓްރީމިން ކޮންޓެންޓާއި މުސްތަގުބަލަށް ވީމީޑިއާ ބައްޓަންކުރުމަށްޓަކައި ނެގޭ ފިޔަވަޅުތަކެއް" ރަޒީން ވިދާޅުވިއެވެ.

ރަޒީން ވިދާޅުވީ މިފަދަ ބަދަލުތައް ނުގެނެސް އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ގަބޫލުކުރެވުމުން ރީސްޓްރަކްޗާ ކުރުމަށް ކުރެވޭނެ ކަންކަމާމެދު ވިސްނުމަށްފަހު ޒަމާނީ ކޮމާޝަލް ބްރޯޑްކާސްޓިންގއާ ދިމާލަށް ވީމީޑިއާ ގެންދިޔުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ގެނެސްފައިވާނީ ކޮސްމެޓިކް ނުވަތަ ފެންނަ ލޯގޯތަކާއި އޮންއެއާގައި ދައްކާ ޕްރޮގްރާމުތަކަށް ގެނައި ބަދަލުތައް ކަމަށެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީވެސް ހެޔޮ ބަދަލުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި ބަދަލުތަކުގެ ތެރެއިން މުވައްޒަފުން މަދުކުރުމާއި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށްވެސް ބަދަލުތަކެއް ގެންނާނެ ކަމަށް ރަޒީން ވިދާޅުވިއެވެ. އަދި އެއީ މި ބަދަލުތަކުގެ ތެރެއިން ކުރަން އެންމެ އުނދަގޫ އަދި އެންމެ ހިތްދަތި މަރުހަލާ ކަމަށް ރަޒީން ވަނީ ވިދާޅުވެފައެވެ.

"މީގައި އެންމެ ހިތްދަތި މަރުހަލާއަކީ މުވައްޒަފުންގެ ވަޒީފާތަކަށް ބަދަލު އަންނާނެ. މުސާރައަށް ބަދަލު އަންނާނެ. އާ މުވައްޒަފުން ނެގޭނެ. އާ ދިމަދިމާލަށް މުވައްޒަފުން ލެވޭނެ. ބައެއް މަގާމުތައް އުވިގެންދާނެ. އެހެންނަމަވެސް ހަމަ އޮޕަރޭޝަން ބޮޑުކުރަމުން ފުޅާކުރަމުން ދުވަހެއް ދުވަހަކަށް ދާނީ. އަޅުގަނޑުމެން މި އަމާޒު ހިފީ ނަމްބަރ ވަން ޗެނަލަށް ވުމަށް. އަދި އަންބަޔަސްޑް ތެދު ޚަބަރު ގެނެސްދޭ ބައެއްގެ ގޮތުގައި ދެމިއޮންނާނެ" ރަޒީން ވިދާޅުވިއެވެ.

މުވައްޒަފުން މަދުކޮށް، ކުޑަ މުސާރައެއްގައި ބައެއް އައު މަގާމްތައް އެކުލަވާލައި އައިބީސީން މިހާރު ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން ވީމީޑިއާގެ މުވައްޒަފުންނަށް އެމުވައްޒަފުންގެ ވަޒީފާއާއި މެދު ނިމޭ ގޮތެއް އެނގޭތޯއާއި މިގޮތަށް ދިމާވާންޖެހުނު ސަބަބާއި، މިހާރު މިކަންކަން ދާގޮތާއި، މިއިން ނިކުމެދާނެ ކަަމަށް ގަބޫލުކުރެވޭ ނަތީޖާއާއި ގުޅޭގޮތުން އެކި ފަންތީގެ މުވައްޒަފުންގެ ޚިޔާލު ހުރިގޮތްވެސް ބަލާލީމެވެ.

"ރީސްޓްރަކްޗަރ ކުރުމަކީ ހުރިހާ ތަނެއްގައި ވެސް އާންމުކޮށް ކުރާ ކަމެއް. އެއީ ރަގަޅުކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ. މިސާލަކަށް ވަޒީފާގެ ކުރިއެރުން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފުރުސަތެއް. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ މިތަނަށް އަލަށް ވަން މުވައްޒަފަކަށް ވެފައި، ޕްރޮބޭޝަންގައި ހުރީމަ އަޅުގަނޑުގެ ވަޒީފާއަށް ވާނީ ކިހިނެއްތޯ، އެއީ ކޮންމެވެސް ވަރަަކަށް ޖެހިލުންވާ ކަމެއް" ދައުލަތުގެ މީޑިއާގައި 14 އަހަރު އުޅުމަށްފަހު ދާދި ފަހުން ވީމީޑިއާއާ ގުޅުނު މުވައްޒަފަކު ބުންޏެވެ.

"އަސްލު ރަގަޅު ބަދަލެއްކަން ނޭނގެ. ބަދަލު އަންނަންޖެހޭ މިތަނަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެން މުސާރަ އަދި ކުޑަކުރިޔަސް" ވީމީޑިއާގެ އޮންއެއާ ސެކްޝަންގައި މަސައްކަތް ކުރާ ޒުވާން މުވައްޒަފަކު ބުންޏެވެ.

"ނިއުސް ޗެނަލެއްގެ ގޮތުގައި ހިންގާ ކަމަށްވަންޏާ މިހާރު ތިބި މުވައްޒަފުން ހިތްހަމަޖައްސައިގެން ރަގަޅު ނަތީޖާއެއް ނެރެވޭނީ. މުސާރަ ކުޑަކޮށްފައި މީހުން މަދުކުރީމަ އަޅުގަނޑަސް ހީވަނީ ކޮލިޓީ ގެއްލޭނެހެން. މުވައްޒަފުން މަސައްކަތް ކުރަން ހިތްހަމަޖެހޭ މާހައުލެއް ބޭނުންވާނެ، އެއީ އެންމެ މުހިންމު ކަންތައް. އެފަދަ މާހައުލެއް ނެތިއެއް އޮއްޓަރުހުރި ނަތީޖާއެއް ނުނެރެވޭނެ" ވީމީޑިއާގެ އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އަދި ރާއްޖޭގެ ހަރު ނޫސްވެރިންގެ ތެރޭގައި ގުނައިލެވޭ މުވައްޒަފަކު ބުންޏެވެ.

"މުވައްޒަފުން މަދުކުރި ކަމުގައި ވިޔަސް، ރީސްޓްރަކްޗަރ ކުރަންޏާ އެ ނިންމުމާމެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ކުންފުންޏަށް މާލީގޮތުން ގެއްލުން ވާނަމަ، މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަކުރުން ވެސް މައްސަލައެއް ނޫން" ވީމީޑިއާއާ ގުޅުނު ފަހުން އަދި އަހަރު ނުވާ، މިދާއިރާއަށް މުޅިން އައު ޒުވާނަކު ބުންޏެވެ.

ކޮންމެ ކުންފުންޏަކުންވެސް އަދި ކޮންމެ ތަނަކުންވެސް މުވައްޒަފުން މަދުކުރުމަކީ އެއީ މުވައްޒަފުންނަށް ހިތްފަސޭހަ ކަމަކަށް ނުވާނެއެވެ. ހަމައެހެންމެ ވީމިޑިއާގައި މިހާރު ކުރިއަށްދާ ރިސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެކި މުވައްޒަފުންގެ ޚިޔާލުވެސް މިކަމުގައި ތަފާތެވެ. ތަނުގެ މާލީ ހާލަތަށް، ރިއާޔަތްކޮށް މުވައްޒަފުން މަދުކުރުމާއި މުވައްޒަފުންގެ މުސާރަ ކުޑަކުރުމުން އެކަމަކީ ބައެއް މުވައްޒަފުން އެހާ ބަލައިގަންނަ ކަމެއް ނޫންކަން އެމުވައްޒަފުންގެ ވާހަކަތަކުން ހާމަވެގެންދެއެވެ.

ވީމީޑިއާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށިފައިވާއިރު، ވީމީޑިއާއަށް މިހާރު ވަނީ 11 އަހަރު ފުރިފައެވެ. ޓީވީ ޗެނަލަކުން ފެށި ވީމީޑިއާގެ ކުޑައިގެ ދަށުން ޓީވީ ޗެނަލްގެ އިތުރަށް އޮންލައިނަކާއި ރޭޑިއޯއެއް މިހާރުވެސް ހިންގަމުން އަންނައިރު މަޖައްލާއެއް ވެސް ވަނީ ނެރެފައެވެ. ވީމީޑިއާގެ ފެށުމަކީ 5 ސެޕްޓެމްބަރު 2008 ގައި ޚިދުމަތް ފެށި ވީޓީވީ އެވެ.