ޓެކްސީކުރާ އަގުތަކާއި ގުޅޭ ޕެޓިޝަނެއް ރައީސް އޮފީހަށް ހުށަހެޅުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނެފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ މިއަދު އެ އެސޯސިއޭޝަނުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކޮށް މުހިއްމު ތިން ކަމެއް ހިއްސާކޮށްފައިވާނެ ކަމަށެވެ. އެގޮތުން ޓެކްސީގެ އަގުތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުުރުމުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅުމަށް މިނިސްޓަރު އެދިވަޑައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެޓިޝަނުގައި ހިމަނަން ޖެހޭނީ ކޮންމެ ޑްރައިވަރަކު ވެސް ޓެކްސީ ކުރަން ބޭނުންވާ އަގު ކަމަށް އަބްދުﷲ ވަނީ މައުލޫމާތު ދެއްވާފަ އެވެ. މިޕެޓިޝަން ފުރިހަމަކުރުމަށް ހުރިހާ ޓެކްސީ ސެންޓަރުތަކަށް ޕެޓިޝަން ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ހުރިހާ ޑްރައިވަރުންގެ ނަންތަކާއި ސޮޔާ އެކު ހަފްތާއެއްގެ ތެރޭގައި މި ޕެޓިޝަން ރައީސް އޮފީހަށް ހުށަހެޅޭ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ ޓެކްސީގެ އަގުތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރެއްވުމުން އެ އަގުތަކަކީ މިިސްޓްރީން ކަނޑައަޅާފައިވާ އަގުތަކެއް ނޫން ކަމަށާއި، އެ އަގުތަކަކީ ރައީސް އޮފީހުން ކަނޑައަޅާފައިވާ އަގުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަަށެވެ.

މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ޓެކްސީގެ އަގުތަކުގެ އިތުރަށް، ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ކުރުމަށް މަޖުބޫރު ކުރުމާ ގުޅޭގޮތުންނާއި، ޓެކްސީކުރުމުގެ ހުއްދަތަކާ ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށް އަބްދުﷲ ވަނީ މައުލޫމާތު ދެއްވާފަ އެވެ. ސެންޓަރުގަައި ރަޖިސްޓްރީވުމުގެ ބަދަލުގައި، ޓެކްސީތަކަށް ހާއްސަކޮށް މިނިސްޓްރީން ބަލައިގެންފައިވާ އެޕްތަކުގައި ރަޖިސްޓްރީ ކޮށްގެން ޓެކްސީ ކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް އަބްދުﷲ ވަނީ މައުލޫމާތު ދެއްވާފަ އެވެ. ޓެެކްސީ އެޕްގެ ގޮތުގައި ދެ އެޕެއް ބޭނުން ކުރާއިރު މީގެތެރޭގައި ހިމެނެނީ "އަވަސް ރައިޑް" އައި، "އޭއައިއީ" އެވެ.

މީގެއިތުރަށް ޑްރައިވަރުންގެ ޝަކުވާތައް އަޑުއެހުމަށް ކޮންމެ ހަފްތާއަކު އެއް ދުވަހު ސެންޓަރުތަކުގެ ވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.