މިނީ ބަސް ރާއްޖެއަށް ގެނައުމަށްޓަކައި ބޭނުންވާ ބަޖެޓް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި، ސަރުކާރުން ބަޖެޓް ހަމަޖައްސައިންދާ އަވަހަކަށް މިނީ ބަސް ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީން ވާނީ މިނީ ބަސް ގަނެގެން ރާއްޖެއަށް ގެނައުމަށް ހިނގާނެ ހަރަދުތައް ބަލައި ލަފާކުރެވޭ ބަޖެޓެއް އެކުލަވާލާފައިވާ ކަމަށެވެ. ހަރަދުތަކުގެ ތަފްސީލްތައް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި ބަޖެޓު ހަމަޖެހުމާއެކު މިނީ ބަސް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށްވެސް ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ މިނީ ބަހުގެ ގޮތުގައި ގެންނަން ނިންމާފައިވަނީ ކަރަންޓުން ޗާޖުކުރެވޭ ބަސްތަކެއް ކަމަށެވެ. މިބަސްތައް ޗާޖުކުރުމަށް ޗާޖިން ސްޓޭޝަނެއް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ޗާޖިން ސްޓޭޝަނެއް އިމާރާތްކުރުމަށް ބިމެއް ވެސް ހޯދަންޖެހޭ ކަމަށާއި، ބަސްތައް ޗާޖުކުރުމަށް ބޭނުންވާ ކަރަންޓުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ހަވާލުކުރާތާ 120 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށްފަހު މިނީ ބަހުގެ ހިދުމަތް މާލޭގައި ދޭން ފަށަން ޖެހެ އެވެ. އެހެންނަމަވެސް މިމަސައްކަތް މިވަަނީ ނިންމަންޖެހޭ ތާރީހަށް ނުނިމި ދިގުލައިގެން ގޮސްފަ އެވެ.