ފުރިހަމަ ހަނގުރާމައެއް ކުރަން ޖެހިއްޖެނަމަވެސް އީރާނު އޮތީ އެފަދަ ހަނގުރާމައަކަށް ތައްޔާރަށް ކަމަށް ވިދާޅުވެ، އީރާނުގެ ބާރުގަދަ އިންގިލާބީ ގާރޑުންގެ ކޮމާންޑަރ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އޭނާގެ އިންޒާރު މިއައީ، ސައުދީ ސަރުކާރުގެ މައި ތެޔޮ ކުންފުނި، އަރަމްކޯއިން ތެޔޮ އުފައްދާ މައި ދެ ކާރުޚާނާއަކަށް އިއްޔެ ދެވުނު ހަމަލާގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވަމުންދާ މައްސަލައާ ގުޅިގެންނެވެ.

ކާރު ޚާނާތަކަށް ދެވުނު ހަމަލާގެ ޒިންމާ، ޔަމަނުގައި ވެރިކަންކުރާ ހޫޘީން އުފުލާފައި ވީނަމަވެސް، އެމެރިކާގެ ރައީސާއި، އެމެރިކާގެ އެހެން މަސްއޫލުވެރިން މިހަމަލާގެ ޒިންމާ އަޅުވަނީ އީރާނުގެ ބޮލުގައެވެ. ބުނަމުންދަނީ ހަމަލާ އައީ އީރާނުގެ ބިމުން ކަމަށެވެ.

އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މޫސަވީ ވިދާޅުވަނީ، އެމެރިކާގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. ވިދާޅުވީ، އެމެރިކާގެ ވެރިން ދައްކަނީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ.

ކާރުޚާނާތަކަށް ދެވުނު ހަމަލާއާ ގުޅިގެން، މިކަމުގެ އަޑީގައިއޮތީ ނުވަތަ ހަމަލާ ދީފައިވަނީ އީރާނުން ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އެކަމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއިން ސީދާ ގޮތެއްގައި އަދި ވަކި އެއްޗެއް ނުބުނެއެވެ.

ޔަމަނުގެ ހަނގުރާމައިގައި ސައުދީ އަރަބިއްޔާއަށް އެންމެ ބޮޑަށް މަދަދުދޭ ޔޫއޭއީންވެސް ބުނެފައިވަނީ، އެގައުމުންވެސް މަޑުކޮށްލައިގެން ތިބީ ސައުދީ އަރަބިއްޔާއިން އިއްޔެގެ ހަމަލާ ތަހްގީގުކޮށް އެއްޗެއް ބުނަންދެން ކަމަށެވެ.

އީރާނުގެ އިންގިލާބީ ގާރޑުންގެ ކޮމާންޑަރ އާމިރްއަލީ ހާޖީޒާދިހްގެ އިންޒާރުގައި ވިދާޅުވެފައިވަނީ، އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، މަތިންދާ ބޯޓް އުފުލާ މަނަވަރުތައް ހުރީ އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައިކަން ހަނދާން ނައްތާނުލުމަށެވެ.

"އީރާނު ވަށައިގެން 2000 ކިލޯމީޓަރު ދުރު ހިސާބުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، މަތިންދާ ބޯޓް އުފުލާ މަނަވަރުތައް ހުރީ، އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައިކަން ހަނދާން ނައްތާލައިގެން ނުވާނެ. ފުރިހަމަ ހަނގުރާމައަކަށް އީރާނު އޮތީ ތައްޔާރަށް" އާމިރްއަލީ ހާޖީޒާދިހް ވިދާޅުވި ކަމަށް، އީރާނު ސަރުކާރާ ގުޅުން އޮންނަ ޓަސްމިން ނޫސް އޭޖެންސީން ހާމަކޮށްފައި ވެއެވެ.

ތެޔޮ ކާރުޚާނާތަކަށް ދެވުނު ހަމަލާގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވަމުންދާ މައްސަލާގައި އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފް ވިދާޅުވީ "އެމެރިކާއާއި އެމެރިކާގެ ބައިވެރިން މިހާރުތިބީ ޔަމަނުގައި ތާށިވެފައި ކަމަށާއި، އީރާނުގެ ބޮލުގައި އިލްޒާމުތައް އެޅުވުމަކުން އެ ކާރިޘާއަށް ނިމުމެއް ނާންނާނެ" ކަމަށެވެ.