އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ވޮޓްފޯޑް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު އާސެނަލަށް ވަނީ ކުޅުނު ފަސް މެޗުން އަށް ޕޮއިންޓު ލިބިފައެވެ. ލީގު ތާވަލުގައި އާސެނަލް ހަތްވަނައިގައި އޮތްއިރު ވޮޓްފޯޑް އޮތީ ތާވަލުގެ ފުލުގައި ދެ ޕޮއިންޓާއެކުގައެވެ.

މި މެޗުގައި ވޮޓްފޯޑް އިން ނަތީޖާ ހަމަހަމަކޮށްފައި ވަނީ އާސެނަލް އިން ދެ ގޯލު ޖަހާފައި އޮއްވާ ދެވަނަ ހާފުގައި ފަހަތުން އަރައެވެ. މި މެޗުގައި އާސެނަލްގެ ދެ ގޯލުވެސް ޖަހާފައިވަނީ ޕިއޭ އެމެރިކް އޮބަމަޔަންގް އެވެ.

އޮބަމަޔަންގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޑިފެންޑަރު ސީޑް ކޮލާސިނާޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރިއިރު އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 32 ވަނަ މިނެޓުގައި މެއިޓްލޭންޑް ނައިލްސް އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވޮޓްފޯޑުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި އާސެނަލްގެ ޑިފެންސް ދެވަނަ ހާފުގައި ފެނުނީ ވަރަށް ނިކަމެތިކޮށެވެ. އޭގެ ފައިދާ ނަގައިގެން ވޮޓްފޯޑް އިން ވަނީ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފައެވެ. ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ޖެރާޑް ޑެއުލެފޫ ހޯދައިދިން ފުރުސަތެއްގައި ޓޮމް ކްލެވަލީ ވަނީ ވޮޑްފޯޑް ގެ ފުރަތަމަ ގޯލު ޖަހާފައެވެ.

ވޮޓްފޯޑް ނަތީޖާ ހަމަހަމަކުރި ގޯލު ލިބުނު ޕެނަލްޓީއަކުން ރޮބާޓޯ ޕެރޭރާ ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ވަގުތުކުޑަތަންވެފައި ވަނިކޮށެވެ.