ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާގެ އިސް މަގާމަކާ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހަވާލުވާން އުޅޭކަމަށް އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ފީފާގެ އިސް މަގާމެއް ވެންގާއަށް ހުށަހެޅުމަށް ފީފާއިން ނިންމާފައިވާ ކަމަށާއި ވެންގާއާއި ހަވާލުކުރަނީ އޭނާއާއި ގުޅޭ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ވެންގާވެސް ހުރީ އެ މަގާމަށް އަންނަން ބޭނުންވެފައި ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެއީ ކޮން މަގާމެއްކަން ސާފެއް ނުވެ އެވެ.

ވެންގާ މިހާރު ވަޒީފާ އަދާކުރަމުން ގެންދަނީ ޓީވީ ޗެނަލްތަކަށް ފުޓުބޯޅަ ކޮންސަލްޓެންޓް އަދި އެނަލިސްޓެއްގެ ގޮތުގަ އެވެ. އޭނާ ވަނީ މިހާތަނަށް އައި އިރު ބޮޑެތި ހުރިހާ މެޗަކަށް ކަހަލަ ގޮތަކަށް ކޮންސަލްޓޭޝަން ދީފަ އެވެ.

ދާދިފަހުން ވެންގާ ވަނީ އޭނާ އަނެއްކާވެސް ކޯޗުކަން ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު އޭނާ ޓީމެއްގެ ކޯޗުކަމާއި ހަވާލުވާނެ ކަމަށް ރިޕޯޓުތައް ބުނިއިރު އަދިވެސް އެއްވެސް ޓީމަކުން އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.

ވެންގާ އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ އިނގިރޭސި ކުލަބް އާސެނަލްގަ އެވެ. އޭނާ އާސެނަލް އާއި ހަވާލުވީ 1996 ވަނަ އަހަރު އެވެ. ޕްރިމިއަރ ލީގުގައި މިހާތަނަށް 823 މެޗުގައި ވެންގާ ވަނީ އެ ޓީމަށް އިރުޝާދު ދީފަ އެވެ.