ރާއްޖޭގެ އިންޓަނޭޝަނަލް ރިޒާވް އާއި ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ދައުލަތުން ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް ވަނީ މަހުން މަހަށް ދަށަށް ގޮސްފަ އެވެ. އެގޮތުން ޖެނުއަރީ މަހު ޔޫޒަބްލް ރިޒާވް 317.9 މިލިއަން ޑޮލަރަށް އިތުރުވުމަށް ފަހު ފެބްރުއަރީ މަހު ވަނީ 295.3 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އަދި މާޗު މަހު 251.8 މިލިއަން ޑޮލަރަށް، އޭޕްރީލް މަހު 250.2 މިލިއަން ޑޮލަރަށް އަދި މެއި މަހު 249.6 މިލިއަން ޑޮލަރަށް ރިޒާވް ވަނީ ދަށްވެފަ އެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހު ވަނީ ޔޫޒަބްލް ރިޒާވް ހުރި މިންވަރު އިތުރުވެފަ އެވެ. އެގޮތުން ޖޫން މަސް ނިމުނު އިރު ޔޫޒަބްލް ރިޒާވްގެ ގޮތުގައި ހުރީ 276 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހު އިތުރުވި ޔޫޒަބްލް ރިޒާވް އަނެއްކާވެސް މިވަނީ މިދިޔަ ޖުލައި މަހު ދަށަށް ގޮސްފަ އެވެ. ޖުލައި މަސް ނިމުނު އިރު ޔޫޒަބްލް ރިޒާވްގެ ގޮތުގައި ހުރީ 275.4 މިލިއަން ޑޮލަރެވެ.

ގްރޮސް އިންޓަނޭޝަނަލް ރިޒާވް ދަށް ވެފައިވާ ގޮތަށް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ގްރޮސް އިންޓަނޭޝަނަލް ރިޒާވް ހުރީ 778 މިލިއަން ޑޮލަރުގަ އެވެ. އެހެންނަމަވެސް މެއި މަހު ވަނީ މިއަދަދު 766.7 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އަދި ޖޫން މަހު 677.4 މިލިއަން ޑޮލަރަށް ދަށްވެފައިވާ އިރު މިދި ޖުލައި މަހު ވެސް ގްރޮސް އިންޓަނޭޝަނަލް ރިޒާވް ވަނީ 644.1 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.