ސައުދީ އަރަބިއްޔާގެ އިތުރު ތަންތަނަށް ހަމަލާދޭނޭ ކަމުގެ އިންޒާރު، ޔަމަނުގައި ވެރިކަންކުރާ ހޫޘީން އަނެއްކާވެސް ދީފިއެވެ.

ހޫޘީންގެ މި އިންޒާރު އައީ، ސައުދީ އަރަބިއްޔާގައި ތެޔޮ އުފައްދާ މައި ދެ ކާރުޚާނާއަކަށް މިދިޔަ ހޮނިހިރު ދެވުނު ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ.

ސައުދީ އަރަބިއްޔާއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ބޭރުކުރާ ގައުމަށް ވާއިރު،ހޮނިހިރު ދުވަހުގެ ހަމަލާތަކާ ގުޅިގެން އެގައުމުން ބޭރުކުރާ ތެލުގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ވަނީ މަދުވެފައެވެ. ސައުދީ އަރަބިއްޔާއިން ދުވާލެއްގެ މައްޗަށް އެކްސްޕޯޓްކުރާ ތެލުގެ މިންވަރު 5.7 މިލިއަން ފީފާ ތެޔޮ މިހާރުވަނީ މަދުވެފައެވެ.

ޔަމަނުގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއަރ ޔަހްޔާ ސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާއަށް އިތުރު ހަމަލާތައް ދޭނޭ ކަމަށެވެ. އަދި ބޭރުގެ ދައުލަތްތަކަށް ގޮވާލައްވާފައިވަނީ ދުރުގައި ތިބުމަށެވެ.

"ސައުދީ ދައުލަތަކަށް އަހަރެމެން ކަށަވަރުކޮށްދޭން ބޭނުންވަނީ، އަހަރެމެން ބޭނުންވާ ކޮންމެ ތާކަށް، ބޭނުންވާ ކޮންމެ ވަގުތަކު އަހަރެމެންގެ ދިގުއަތް ފޯރާނެކަން" ބަޔާނުގައި ޔަހްޔާ ވިދާޅުވެފައި ވެއެވެ.

ތެޔޮ ކާރުޚާނާތަކަށް ދެވުނު ހަމަލާގެ ޒިންމާ ހޫޘީން އުފުލާފައި ވާއިރު، ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ހިންގި ވަގުތީ ތަހްގީގަށްފަހު ބުނެފައިވަނީ، ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އީރާނުގެ ހަތިޔާރު ކަމަށެވެ.

ޔަމަނަށް ހަމަލާދެމުން ގެންދާ އަރަބި ކޯލިޝަނުން ބުނެފައިވަނީ، ކާރުޚާނާތަކަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ އީރާނުގެ ހަތިޔާރު ކަމަށާއި، ހަމަލާ އައިސްފައިވަނީ ޔަމަނުން ނޫން ކަމަށް ވަގުތީ ހޯދުންތަކުން ދައްކާ ކަމަށެވެ. ހަމަލާގެ ޒިންމާ ހޫޘީން އުފުލި ނަމަވެސް ހަމަލާ ދީފައިވަނީ ޔަމަނުން ނޫންކަމަށެވެ.

އަރަބި ކޯލިޝަންގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މަލްކީ ވިދާޅުވީ، ސީދާ ހަމަލާތައް އައި ދިމާއެއް ހޯދުމަށް ތަހްގީގުތައް ހުއްޓުމެއްނެތި ކުރިއަށް އެބަދާ ކަމަށެވެ.

އަނެއްކޮޅުން، އދއިން ޔަމަނުގެ މައްސަލައަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު މާޓިން ގްރިފިތުސް، އދގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ސައުދީ ތެޔޮ ކާރުޚާނާތަކަށް ހަމަލާދިނީ ސީދާ ކޮށްބައެއްކަން ސާފުނުވާ ކަމަށެވެ.

އެހެން ނަމަވެސް، މި ހަމަލާގެ ސަބަބުން ސަރަހައްދުގައި ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިގެން ގޮސްފައިވާ ކަމަށް މާޓިން ވިދާޅުވިއެވެ.