އައްްޑޫ ސިޓީގެ މަރަދޫގައި 2 ސައިކަލްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ 55އ. ގެ މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 17:55 ހާއިރު ކަމަށެވެ. އަދި 2 ސައިކަލް ޖެހި ހިނގި އެ އެކްސިޑެންގައި އަނިޔާވީ، އެއް ސައިކަލް ދުއްވަން އިން 55 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އަނެއް ސައިކަލްގައި ތިބީ ދެމީހުން ކަމަށާއި، ސައިކަލް ދުއްވީ ލައިސަންސް ނޯންނަ 17 އ. ގެ ކުއްޖެއް ކަމަށެވެ. އަދި އެ ހާދިސާ ހިނގުމުން އެމީހުން ފިލީ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ފިލި މީހުން ދެނެގަނެވުނީ 17އ. ގެ އެ ކުއްޖާ ފަރުވާ ހޯދަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިއުމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެއިދާރާ އިން ބުނީ މި އެކްސިޑެންގައި އަނިޔާވެ އައިސީޔޫގައި ފަރުވާދެމުންދާ މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ.

ފުލުހުންގެ އިދާރައިން ވަނީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުން އެ އިދާރާއިން ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ.