ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާއެކު ނުދިޔުމުން، ކްލަބު އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) ޖޫރިމަނާކޮށްފި އެވެ،

މި މަހު ފަސް ވަނަ ދުވަހު ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުގައި މި ދެ ކުޅުންތެރިން ހިމެނުނު ނަމަވެސް، އަމިއްލަ ސަބަބުތަކަކާ ހުރެ ދެ ކުޅުންތެރިން ޓީމާއެކު ދަތުރުކޮށްފައެއް ނުވެ އެވެ. ގުއާމް އަތުން 1-0 އިން ރާއްޖެ މޮޅުވިއިރު، މި މަހުގެ 10 ވަނަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި މި ދެ ކުޅުންތެރިން ހިމަނާފައެއް ނުވެ އެވެ.

އެފްއޭއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ބެލުމަށް ފަހު ރިޒޭ އާއި ސެންޓޭ، ކޮންމެ ކުޅުންތެރިއަކު 50،000 ރުފިޔާއިން ޖޫރިނަމާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކަނީސް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި މި ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ވީސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގުއާމް މެޗަށް ވިސާ ޖެހުމަށް ގައުމީ ޓީމު ސްރީލަންކާއަށް ފުރިއިރު، ސެންޓޭ ހުރީ އޭނާގެ އުފަން ރަށް ކަމަށްވާ ބ. އޭދަފުށީގައި ކުރިއަށްދިޔަ ފުޓްބޯޅަ މުބާރާތެއް ކުޅުމަށް ގޮހެވެ.

ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ސެންޓޭ އަކީ ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާ އެވެ. އަދި މެދުކެނޑުމަކަށް ފަހު ރިޒޭ އަލުން ގައުމީ ޓީމުގައި ހިމެނުނީ މިދިޔަ އަހަރު ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށެވެ.

ޖޫރިމަނާ ފައިސާ ނުދައްކައި އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެކަން އަންގާފައިވާއިރު، ރިޒޭ އާއި ސެންޓޭ ކުޅެމުން އަންނަ އީގަލްސް ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ބައްދަލުކުރާނެ އެވެ.