އެމެރިކާއާ އެކު އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރާނޭ ކަމަށް އީރާނުން ކަށަވަރު ކޮށްދީފިއެވެ.

އީރާނު ސަރުކާރުގެ ތަރުޖަމާނު އަލީ ރާބިއީ ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް ހާލަތުގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާމެދު އެއްވެސް މަޝްވަރާއެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮއްވައި މިހާރު އަޅުގަނޑުމެން އެއްފަހަރު އެމެރިކާއާއެކު މަޝްވަރާތައް ކޮށްފިން. އެއީ، 2015 ވަނަ އަހަރު އެކަށައެޅި ނިއުކްލިއަރ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި. އެހެންވެ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮއްވައި ދެން އިތުރު މަޝްވަރާއެއް ނުކުރާނަން" އަލީ ރާބިއީ، ނޫސްވެރިން ގާތު ވިދާޅުވިއެވެ.

ރާބިއީ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އީރާނުގެ އިތުބާރު ލިބިވަޑައިގެން އަދި ޓްރަމްޕް އީރާނަށް އިހްތިރާމް ކުރައްވާނަމަ، ޕީ5+1 ފްރޭމްވޯރކްގެ ދަށުން އީރާން މަޝްވަރާއަށް ގޮސްދާނެ ކަމަށެވެ.

ޕީ5+1 ފްރޭމްވޯރކަކީ، އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ 5 މެމްބަރު ގައުމާއި، ޖަރުމަނުވިލާތް ހިމެނޭ ގްރޫޕެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި މަޝްވަރާތައްކޮށް އެއްބަސްވުމެއް އެކުލަވާލީ މި ގްރޫޕުންނެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް މިދިޔަ އަހަރުގެ މެއިމަހު ވަނީ އެމެރިކާ މިއެއްބަސްވުމުން ވަކިކޮށްފައެވެ. އެއްބަސްވުމުން ވަކިވި ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ، އެއީ ކަމުދާ އެއްބަސްވުމަކަށް ނުވުމެވެ.

އެއްބަސްވުމުން ވަކިވުމަށްފަހު، އެމެރިކާއިން ގެންދަނީ އީރާނާ ދެކޮޅަށް އިހުނަށްވުރެ ގިނަގުނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އީރާނަށް އެތައް ގޮތަކުން ދަތިކުރަމުންނެވެ. ޓްރަމްޕް އަމާޒު ހިފާފައިހުރީ، އީރާނުގެ އިގްތިސާދު އިނދަ ޖައްސާލުމަށްޓަކައި އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށެވެ.

އެމެރިކާއާ އެކު އީރާނުން އެއްވެސް މަޝްވަރާއެއް ނުކުރާނޭ ކަމަށް އީރާނުން މި ހާމަކުރީ، އަންނަމަހު ބާއްވާ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ އަރިމަތިން، އެމެރިކާގެ ރައީސް ޓްރަމްޕާއި، އީރާނުގެ ރައީސް ހަސަން ރޫހާނީ ބައްދަލު ކުރައްވަފާނެ ކަމަށް ހީވެފައި ވަނިކޮށެވެ.

އެއްވެސް ޝަރުތެއްނެތި އީރާނުގެ ރައީސާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވާއިރު، އީރާނުގެ ރައީސް ވިދާޅުވަމުން ގެންދަވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އެކަން ވެދާނޭ ކަމަށެވެ. ހަމައެކަނި ފޮޓޯ ސެޝަންއަކަށް ޓްރަމްޕާ ބައްދަލު ކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ރޫހާނީ ކުރިން ހާމަކުރައްވާފައި ވެއެވެ.