މިއަހަރުގެ ތެރޭގައި އިތުރު ފަސް ރަށެއްގައި ބިޒްނަސް ސެންޓަރުތައް ގާއިމް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފަންނު އެކްސްޕޯ 2019 ހުޅުވުމުގެ ރަސްއމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް 7 ރަށެއްގައި ބިޒްނަސް ސެންޓަރުތައް ގާއިމްކޮށް ހިދުމަތް ދެވެމުންދާ ކަމަށެވެ.

ނަމަވެސް އެކަން ކުރެވެމުންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އިތުރަށް އަދިވެސް ރަނގަޅު ކުރަން ހުރި ކަންކަން އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ތަމްރީންތައް ދޭން ޖެހޭކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިފަދަ ބިޒްނަސް ސެންޓަރުތަކުގެ ސަބަބުން ރަށްރަށުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ފަންނީ އެހީތެރިކަމާއި ލޯނު ލިބުމުގައި އިތުރު ލުއިތަކެއް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އަމިއްލަ އެކި ފަރާތްތަކުން ކުރާ އެކި މަސައްކަތްތައް މާކެޓް ކޮށްދީގެން އެފަރާތްތަކަށް ރަނގަޅު ނަފާއެއް ލިބޭނެ ގޮތް މަގުފެހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެގޮތުން އަންނަ އޮކްޓޫބަރު މަސް ތެރޭގައި އެމްއޭސީއެލްގެ އެހީތެރިކަމާއެކު ޑިޔުޓީފްރީ ފިހާރައެއް ހުޅުވުމާއެކު، އެތަނުގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ވިއްކޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރަށް މާލޭގެ ސުވެނިއާ ބާޒާރުގައިވެސް ފަންނުވެރިންގެ އުފެއްދުންތައް ވިއްކޭނެ ފަސޭހަ ގޮތެއް ހަމަޖައްސައި ދޭނެކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިސަރުކާރުން ފަށާފައިވާ އެސްއެމްއީ ބޭންކުން ލޯނު ދޫކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކަމަކީ އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމެއް ކަމަށެވެ. އެއާއެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާކަން އެނގިވަޑައި ގަންނަވާ ކަަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

"ފާޑުކިޔުންތައް އަމާޒުވާކަން އިނގޭ. މީގަ މައްސަލައަކީ ތަރުހީބު މާ ބޮޑުވުން. ތަރުހީބު ލިބޭވަރަށް ކޭޓަރ ނުކުރެވުން. ކޮންމެ މަހަކު އިތުރުވޭ 17 މިލިއަން ރުފިޔާގެ އެޕްލިކޭޝަންތައް. ހަތަރުމަސް ތެރޭ ލިބިއްޖެ 1 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އެޕްލިކޭޝަންތައް. ކުރިއަށް އޮތް ފަސް އަހަރުތެރޭ މިހިދުމަތް އިތުރަށް ފުޅާ ކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިހަފްލާގައި ވަނީ އެންމެ ރަނގަޅު ވަނަތައް ލިބޭނެ ފަރާތްތަކަށް ދޭން ހަމަޖައްސާފައިވާ ފަސް މިލިއަން ރުފިޔާގެ ލޯނު އެއްބަސްވުމާ އެސްޑީއެފްސީންނާއި މިނިސްޓްރީން ހަވާލުވެފަ އެވެ. މިނިސްޓްރީގެ ފަރާތުން ހަވާލުވީ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދެވެ. އެސްޑީއެފްސީގެ ފަރާތުން ހަވާލުވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝީނާޒެވެ.