ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ކާޓޫން ކެރެކްޓާ ޝޯ "މާކަނާ ޝޯ" އެންމެ ފުރަތަމަ ދައްކަން ފެށީ 2009 ވަނަ އަހަރު ވީޓީވީންނެވެ. 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީން ލިބިދިން ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއިން، ސެލްމިން އެނިމޭޝަން ސުޓޫޑިއޯއިން އުފެއްދި "މާކަނާ ޝޯ" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯ އެކެވެ.

މާކަނާ ޝޯ ބައްޓަންކޮށްފައިވަނީ "ދޫނި ރާއްޖެ"ގެ ނަމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އެ އިރެއްގައި ހުންނަވާ ބޭފުޅެއްގެ ކެރްކަޓަރ ހިމަނައިގެންނެވެ.

އެގޮތުން ވީޓީވީން ފުރަތަމަ މާކަނާ ޝޯ ދެއްކަަން ފެށިއިރު، ރާއްޖޭގެ ރައީސަކަށް ހުންނެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރު ރައީސް މުހައްމަދު ނަޝީދު އެވެ. މާކަނާ ޝޯ 2009 ވަނަ އަހަރު ގެނެސްދޭން ފެށިއިރު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ދިޔައީ އޭގެ އިންތިހާއަށް އަދި އަހުލާގީ މިންގަނޑު ހިފެހެއްޓިގެން ބޭނުންކުރަމުންނެވެ. އޭރުވެސް އެ ޝޯ އަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ރޭގަނޑު ލަސްގަޑިއެއްގައި ދައްކަމުންދިޔަ ޝޯ އެކެވެ. ނަމަވެސް އެއީ ރާއްޖޭގައި އެގޮތަށް އަލަށް އުފައްދައި ތައްޔާރުކުރި ފުރަތަމަ ކެެރެކްޓަރ ޝޯ ކަމުން އެ ޝޯ އަށް ކުޑަކުދިންގެ މަގުބޫލުކަންވެސް ލިބިގެންދިޔަ އެވެ.

ވީޓީވީން ޝޯ ދެއްްކި އިރު، އޭރުގެ ރައީސަށް އަމާޒުކުރެވޭ ފާޑުކިޔުމަކީ ސަމާސާ ދިމާކުރުންތަކާއި ގުޅިގެން، އޭރުވެސް ރައީސް ނަޝީދަށް ތާއީދު ކުރި ބައެއް ރައްޔިތުންގެ ނުރުހުން އަމާޒުވެ ޝޯ ހުއްޓާލަން ގޮވާލި ސަބަބެކެވެ. ނަމަވެސް ރައީސް ނަޝީދު އޭރު އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓަވަ އެވެ. ވީޓީވީން ދައްކަން ފެށި، މާކަނާ ޝޯ ފަހުން، އެކި ޓީވީ ސްޓޭޝަންތަކުގައި ދެއްކުމަށްފަހު މިޝޯ މިހާރު ދައްކަނީ ރާއްޖެ ޓީވީންނެވެ.