މާލޭގެ ސިނާއީ ސަރަހައްދުގެ ޕްލޭން އަލުން އެކުލަވާލައި އެސަރަހައްދު ކޮމިއުނިޓީ ރެކްރިއޭޝަނަލް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މާލެ ސިނާއީ ސަރަހައްދު ހިއްކާފައިވަނީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގަ އެވެ.

މާލޭގެ ސިނާއީ ސަރަހައްދަކީ މާލެތެރޭގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކާ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ސިނާއީ މަސައްކަތްތައް ކުރާ ތަންތަން އެކަހެރި ތަނަކަށް ބަދަލުކުރުމުގެ ބޭނުމުގައި ތަރައްގީކުރަން ފެށި ތަނެކެވެ. މި މަސައްކަތުގެ ދަށުން މާލޭ ހުޅަނގު ދެކުނު ފަރާތު މޫދުން 6.9 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

250 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ މި ސަރަހައްދަށް މާލެތެރޭގައި ހުރި އެކިކަހަލަ ގުދަންތަކާއި، ގަރާޖު، ވޯކްޝޮޕް ފަދަ ތަންތަން ބަދަލުކުރުމަށް ނިމިދިޔަ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް މިހާރުގެ ސަރުކާރުން އެ ޕްލޭނަށް މިވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މާލޭގެ ސިނާއީ ސަރަހައްދުގެ ޕްލޭން އަލުން އެކުލަވާލައި އެސަރަހައްދު ވީހާވެސް ގިނަ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކާ ކޮމިއުނިޓީ ރެކްރިއޭޝަނަލް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.