ބިދޭސީންގެ މައްސަލައަށް ޙައްލުކުރަން ޓާސްކްފޯހެއް އުފެއްދުމަށާއި، ބިދޭސީންގެ މައްސަލަ ހައްލު ހޯދުމަށް އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ސިޔާސަތުގެ ދަށުން ޤާނޫނާ ޚިލާފަށް ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލު ހޯދައި، އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ އުސޫލުތައް ހަރުދަނާގޮތެއްގައި އިންތިޒާމް ކުރެވިގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިގޮތުން، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ޤާނޫނާ ޚިލާފަށް، ޤާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށްވެސް ނިންމާފައިވާ ކަމުގައި ރައީސް އޮފީހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ޤާނޫނާ ޚިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ޤާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުންވެސް، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށާ އަދި އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމުގައި މިހާރުގެ ޤާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް މިހާރު ހުށައަޅާފައިވާ ގޮތަށް ބަދަލު ގެނައުމަށް ވެސް ރައީސުލްޖުމުހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، އެެމައްސަލައަށް ހައްލެ ހޯއްދަވައި ދެއްވުމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.