ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމައިފި އެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ ސާފް މުބާރާތް މިދިޔަ އަހަރުވެސް ބާއްވާފައިވަނީ ބަންގްލަދޭޝްގައެވެ. އަންނަ އަހަރުގެ މުބާރާތްވެސް ބަންގްލަދޭޝްގައި ބާއްވަން ނިންމީ އެ ގައުމުގެ ފުރަތަމަ ރައީސް ޝެއިޚް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްވާ 100 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އަންނަ އަހަރު ކުޅިވަރުގެ ހަރަކާތްތައް އެގައުމުގައި ބޭއްވުމަށް އެދުމުންނެވެ. އެގޮތުން އަންނަ އަހަރު ސާފް މުބާރާތުގެ އިތުރުން އަންނަ އަހަރު ބަންގްލަދޭޝްގައި އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީމުން ހޯދާފައިވަނީ ފައިނަލް މެޗުގައި ވަރުގަދަ އިންޑިއާ ބަލިކުރުމަށްފަހު އެވެ. މީގެ ކުރިން މި މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތް ބާއްވާފައިވަނީ ރާއްޖެ އާއި ސްރީލަންކާގައެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިއާއެވެ. އިންޑިއާއިން މި މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާއިރު، ބަންގްލަދޭޝް އަދި އަފްޣަނިސްތާން ވަނީ، ކޮންމެ ގައުމެއް އެއް ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.