ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅޭ މެޗުގައި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ފިޔަވާ އެހެން ހުރިހާ ކުޅުންތެރިންނަށް ކުޅެވޭނެ ކަމަށް ކްލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ބްރޭކަށްފަހު ލީގު މާދަމާ އަލުން ފަށާއިރު، އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ)، އެފްއޭއެމުން ވަނީ ޖޫރިމަނާކޮށްފައެވެ. ގައުމީ ޓީމާއެކު އަމިއްލަ ސަބަބުތަކަކާހުރެ ދަތުރުނުކުރުމުގެ ސަބަބުން ކޮންމެ ކުޅުންތެރިއަކު 50،000 ރ. އިން ޖޫރިމަނާކުރިއިރު، ޖޫރިމަނާ ފައިސާ ނުދައްކަނީސް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި މި ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

މާދަމާގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު މޯހަން ބުނީ މާދަމާގެ މެޗަށް ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވާނެ ކަމަށާއި ހަމައެކަނި ނުކުޅެވޭނީ އެޓީމުގެ ގައުމީ ޓީމުގެ ޑިފެންޑަރު ހެލްމެޓަށް ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވުމުން ހެލްމެޓް ވަނީ ބަދަލުކޮށްފައެވެ. މޯހަން ބުނީ ހެލްމެޓަށް މާދަމާގެ މެޗުގެ އިތުރަށް ކުރިއަށް އޮތް އިތުރު މެޗެއްވެސް އޭނާއަށް ގެއްލޭނެ ކަމަށެވެ.

ކޯޗު އިތުރަށް ބުނީ ބްރޭކަށްފަހު ލީގުގެ ކުޅުން އަލުން ފަށާއިރު، ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެލަން ނުލިބުން ކަމަށާއި އެގޮތުން މުޅި ބްރޭކުގައިވެސް ކުޅެވުނީ އެންމެ މެޗެއް ކަމަށެވެ. އެކަމަކު ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފަރިތަކުރުންތަކުގައި ރަނގަޅު ގިނަ ކަންތައްތަކެއް ފެނުނު ކަމަށްވެސް ކޯޗު ބުންޏެވެ.

ލީގުގެ ކުޅުން މާދަމާ ފަށާއިރު، އީގަލްސް އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 6 މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ. ތާވަލުގެ އެއްވަނައިގައި ކުޅުނު 7 މެޗުން 17 ޕޮއިންޓު ހޯދައިގެން އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ޔޫވީ އޮތީ ކުޅުނު 6 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.

އީގަލްސް އާއި ޔޫވީ މާދަމާ ހަވީރު 4:00 ގައި ބައްދަލުކުރާ މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.