ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތް ކަމަށްވާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް 2019 މިއަދު ފަށައިފި އެވެ.

މެދުކެނޑުމަކަށް ފަހު މިއަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތްތައް ބާއްވާއިރު، މި މަހު ދެ މުބާރާތެއް ވަނީ ތާވަލުކޮށްފައެވެ. އެއީ މިއަދުން ފެށިގެން މި މަހު 22 ގެ ނިޔަލަށް ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި މި މަހު 24 އިން 29 އަށް ބާއްވާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު އެވެ.

މިއަދު ފެށި ފިއުޗާ ސީރީސްގައި 15 ގައުމަކުން 108 ކުޅުންތެރިން ވާދަކުރެއެވެ. މިމުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ 8 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ސިންގަލްސް ބައިގައި 6 ކުޅުންތެރިން ވާދަކުރެ އެވެ. ފިރިހެން ޑަބަލްސް ބައިގައި ރާއްޖޭގެ 5 ޕެއާއެއް ވާދަކުރާއިރު، އަންހެން ޑަބަލްސް ބައިގައި ރާއްޖޭގެ 2 ޕެއާ ކުޅޭނެ އެވެ. އަދި މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިން ހިމެނޭ 3 ޕެއާއެއް ވާދަކުރެއެވެ.

މި މުބާރާތް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު މާލޭ ކުޅިވަރު އެކުވެނީގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

މުބާރާތް ފެށުމުގެ ގޮތުން މިއަދު ވަނީ ތިން މެޗެއް ކުޅެފައިވެއެވެ. މި ތިން މެޗުވެސް އެކުއެކީގައި ކުރިޔަށްގެންގޮސްފައިވަނީ މަރާމާތަށްފަހު އަލުން ބޭނުންކުރަންފެށި ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓުގައެވެ. ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓު އަލުން ހުޅުވާފައިމިވަނީ އިތުރު ދެ ކޯޓާއެކު ކުރިޔަށްވުރެ ހޫނުމިން ދަށްކުރެވި، ބައިނަލްއަގުވާމީ ފެންވަރުގައި ފްލޯރިންގ އަދި ލައިޓިންގް ތަރައްގީ ކުރުމަށްފަހުގައެވެ.

ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ.