ޔުއެފާ ޗެމްޕިއަންސް ލީގުގައު ގްރޫޕް އީގައި ރޭ ކުޅުނު މެޗުން ނާޕޮލީ އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ކުޅުން ރޭ ފެށިއިރު ޗެމްޕިއަން ލިވަޕޫލް ބަލިވީ 2-0 އިންނެވެ. ގްރޫޕް އީގައި ނާޕޮލީ އާއި ލިވަޕޫލް ހިމެނޭއިރު މިދިޔަ ސީޒަނުގައިވެސް މި ދެ ޓީމު ހިމެނުނީ އެއް ގްރޫޕެއްގަަ އެވެ.

ނާޕޮލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުގެ ގޯލްކީޕަރުންވެސް ވަނީ މުހިންމު ސޭވުތަކެއް ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ނާޕޮލީން މެޗުގައި ޖެހި ގޯލުތައް ކާމިޔާބުކުރީ ފަހު 10 މިނެޓު ތެރޭގަ އެވެ.

އެގޮތުން އެޓީމުގެ ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ކުރި ފައުލަކާއި ގުޅިގެން 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޑްރިއެސް މާޓެންސް އެވެ. މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ހެދި ގޯހެއްގެ ފައިދާ ނަގާ ނާޕޮލީއަށް ލީޑު ފުޅާކޮށްދިނީ އެޓީމާ އަލަށް ގުޅުނު ފާނަންޑޯ ލޮރެންޓޭ އެވެ.

ގްރޫޕް އީގައި ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް ބަލިވިއިރު މި ގްރޫޕްގައި ހިމެނޭ ސަލްޒްބާގް މިރޭ ވަނީ ގެންކް އަތުން ފަސޭހަކަމާއެކު 6-2 އިން މޮޅުވެފަ އެވެ.