ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް އެންމެ ބޮޑު ގެއްލުމެއް ވަނީ މަސްވެރިން ބާނާމަސް ބަންދުކޮށް، ރައްކާކުރެވޭނެ ފްރީޒިން ކެޕޭސިޓީއެއް ނެތުމުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

މިފްކޯގެ މަސް ފެކްޓްރީ ހިންގާ އެއް ރަށް ކަމަށްވާ ޅ. ފެލިވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖޭގައި މަސް ބަންދުކޮށް، ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިން ބަނާ މަސް ތައިލެންޑަށް އެކްސްޕޯޓް ކުރަން ޖެހުމުން ރާއްޖެއަށް މަހުގެ ވިޔަފާރީގައި ވާދަނުކުރެވޭ ކަމަށެެވެ. އެހެންކަމުން އެކަމުގެ ގެއްލުން މިފްކޯއަށްވާ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ތައިލެންޑަށް ގެންގޮސް ވިއްކާލަން މި ޖެހެނީ ގަންނަ އަގަށްވުރެ 400 ޑޮލަރު އަގު ހެޔޮކޮށް. މިހެން ވިއްކާލީމަ ރާއްޖޭގެ މަސް ބަންދު ކުރަނީ، ބަންދުކޮށްފަ ދަޅުގައި މި ޖަހަނީ ރާއްޖޭގެ މަސް. އެއް ބަޔަކު މިތިބެނީ ގަންނަން. އެހެންވެ އަޅުގަނޑުމެން ގެންގޮސް ދަޅު ދައްކާލާފަ ބުނަނީ ރާއްޖޭގެ މަހޭމީ. ބުނީމަ ތައިލެންޑު މީހުން ވެސް ހަމަ މި ދައްކަނީ އެ، ދައްކާފަ ބުނަނީ އެއަށް ވުރެ އަގު ހެޔޮކޮށް." އަމްރު ވިދާޅުވި އެވެ.