ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް ނުވަތަ ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.

ރާއްޖޭގެ ފަރާތުން މި ކޮންވެންޝަންގައި ސޮއި ކުރެއްވީ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު އެވެ.

މިކޮންވެންޝަނަކީ 1958 ވަނަ އަހަރު އދ އިން ފާސްކޮށް ތަންފީޒުކުރަން ފަށާފައިވާ މުއާހަދާ އެކެވެ.

ގައުމުތަކުން ނިންމާ އާބިޓްރޭޝަން މައްސަލަތައް ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ މި ކޮންވެންޝަނަކީ އާބިޓްރޭޝަން މައްސަލަތައް ބައިނަލްއަގުވާމީ ގޮތުން ހިންގާއިރު އެންމެ އިސްކަމެއްދޭ އެއް ކޮންވެޝަނެވެ.

ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވީ މިކޮންވެންޝަންގައި ރާއްޖެއިން ސޮއި ކުރުމަކީ ރާއްޖޭގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން ނުވަތަ ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

މިކޮންވެންޝަންގައި ރާއްޖެއިން ސޮއި ކުރުމާ ގުޅިގެން އިންވެސްޓަރުންގެ އިތުބާރު ހޯދުމަށާއި ވިޔަފާރިކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިފައިވާ ކަމަށްވެސް ބަންޑާނައިބް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއަކީ ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސްގައި ބައިވެރިވި 161 ވަނަ ގައުމެވެ.

އާބިޓްރޭޝަންގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރާއްޖޭގައި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ނަމުގައި އާބިޓްރޭޝަން ސެންޓަރެއް ގާއިމުކޮށްފަ އެވެ. މިސެންޓަރުގެ ޗެއާމަނަކީ ގާނޫނީ ވަކީލު މުހައްމަދު ޝަހުދީ އަންވަރެވެ.