ތިން ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިމަސައްކަތް ކުރުމަށް ނިންމާފައިވަނީ ހދ. ކުޅުދުއްފުއްޓާއި ކ. މާފުށީގެ އިތުރުން ފުވައްމުލަކުގަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުއްޓާއި ފުވައްމުލަކުގައި އިންސިނެރޭޓަރު ބެހެއްޓުމަށް ހަވާލުކޮށްފައިވަނީ މެކްސްޓާ މޯލްޑިވްސް އަށެވެ. މާފުށީގައި އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮރަލް ލައިފް މޯލްޑިވްސް އަށެވެ.

މިމަޝްރޫއުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. ހުސައިން ރަޝީދު ހަސަނެވެ. މެކްސްޓާ މޯލްޑިވްސްގެ ފަރާތުން އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހިމް ސޮއި ކުރެއްވިއިރު ކޮރަލް ލައިފްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އުމަރު އަމީރެވެ.

މިމަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ދުވާލަކު ހަތަރު ޓަނުގެ ކުނި އެންދޭނެ އިންސިނެރޭޓަރުތަކެއް ބަހައްޓަން ޖެހެ އެވެ. ކުޅުދުއްފުއްޓާއި ފުވައްމުލަކުގައި މިމަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު މާފުށީގައި އިންސިނެރޭޓަރު ބަހައްޓަން ދީފައިވަނީ ދޮޅު މަސް ދުވެހެވެ.