އިންޑިއާ އެމްބަސީ އެޅުމަށް ސަރުކާރުން މާލެއިން ކުރިން ހަމަޖައްސައިދިން ބިމުގައި ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެމަސައްކަތް ފަށާފައި ވަނީ މިއަދުގައެވެ.

ސޯސަންމަގުން އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ އުތުރުން އިންވެގެން އޮތް އެބިމަކީ، ކުރިން މާލޭގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ނާސަރީ ހިންގި ބިމެވެ. އެބިމުގައި އިންޑިއާ އެމްބަސީ އެޅުމަށް އިންޑިއާ އާއި ހަވާލު ކުރީ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރުގައެވެ. އެހެން ނަަމަވެސް އެބިމުގައި އިންޑިއާ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކޮށް އޮންނަތާ އަހަރުތަކެއް ފަހުން މިސަރުކާރުން ވަނީ އިންޑިއާ އެމްބަސީ އެޅުމަށް ހުޅުމާލެއިން ބިމެއް ދީފައެވެ. އަދި އެބިމުގައި އިންޑިއާ އެމްބަސީގެ އިމާރާތް ކުރުމަށް މިހާރުވަނީ ބިންގާ އަޅައި މަސައްކަތް ފަށާފައެވެ.

ކުރިން ނާސަރީ ހިންގި އެބިމުގައި ހެދިބޯވެފައިވާ ގަސްތައް ކަނޑައި ބިން ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާއިރު އެއީ 4000އަކަފޫޓަށްވުރެ ބޮޑު ބިމެކެވެ.