ދިރާގު ދިވެހި ޕްރިމިއަ ލީގުގައި މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށް ނުކުންނާނީ އެއީ ކޮން ފެންވަރެއްގެ ޓީމެއްކަން ދަނެގެން ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނެފި އެވެ.

ދިގު ބްރޭކަކަށްފަހު ލީގުގެ ކުޅުން އަލުން ފަށާއިރު ދަ ގްރާންޑޭ އާއި މާޒިއާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ މި ބްރޭކު ނައި ނަމަ ޓީމަށް ސަލާމަތްވާން އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން މިއީ އެ ޓީމަށް ޓެކްނިކަލް ގޮތުން އަދި އެ ޓީމުގެ ކޯޗެއްގެ ހައިސިއްޔަތުން ޓީމު ރަނގަޅަށް މެނޭޖުކުރަން ލިބުނު ރަނގަޅު ބްރޭކެއް ކަމަށް ކޯޗު ބުންޏެވެ.

އިންމަ ބުނީ ފުޓުބޯޅައަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން މިއީ ރަނގަޅު ބްރޭކެއް ނޫން ކަމަށާއި ނަމަވެސް މިއީ ދަ ގްރާންޑޭއަށް ލިބުނު ވަރަށް ރަނގަޅު ބްރޭކެއް ކަމަށެވެ. އަދި ދަ ގްރާންޑޭގެ މާލީ ހާލަތު ދުވަހެއް ދުވަހަށް ރަނގަޅުވަމުން އަންނަ ކަމަށާއި މިހާދުވަސް ވަންދެން ދަ ގްރާންޑޭ ސަލާމަތްވެފައި އޮތީ އެފްއޭއެމުގެ ބޮޑު އެހީއެއް ލިބިގެން ކަމަށްވެސް އިންމަ ބުންޏެވެ.

މާޒިއާއާއި ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އިންމަ ބުނީ މާޒިއާ އަކީ ފުރަތަމަ ޑިވިޝަންގެ ޓީމްތަކުގެ ތެރޭގައި ހިމެނޭ އެންމެ ފެންވަރު ރަނގަޅު އެއް ޓީމު ކަމަށާއި އެފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ވިސްނަން ޖެހޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި މާޒިއާ އަކީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ހިމެނޭ ޓީމު ކަމަށްވުމުން މެޗު އެއްވެސް ގޮތަކަށް ފަސޭހަވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި މާޒިއާގައި އޭނާ ކުރިން އިރުޝާދު ދިން ކުޅުންތެރިން އެބަތިބި ކަމަށާއި ނަމަވެސް ކުޅުންތެރިން އެކަކު އަނެކަކު މާބޮޑަށް މިހާރު ދަސްކޮށްފައިވާތީ މިރޭގެ މެޗުގައި އެކަމުގެ ފައިދާއެއް މާބޮޑަށް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ވޯލްޑު ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނަށް ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ދިވެހި ލީގު މެދުކަނޑާލުމަށްފަހު މިއަދު ލީގު އަލުން ފަށާއިރު ދަ ގްރާންޑޭ އޮތީ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ހޯދި 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި ދަ ގްރާންޑޭ އަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން މާޒިޔާ އޮތީ 17 ޕޮއިންޓާއެކު އެވެ.