ބަނގުލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން އެއް އަހަރު ދުވަހަށް މަނާކޮށްފައިވާ ކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލެޕްމެންޓްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު އިސްމާއީލްއެވެ. މިގޮތުން މިފިޔަވަޅު އަޅާފައި ވަނީ ބުދަދުވަހުން ފެށިގެން އަމަލު ކުރާ ގޮތަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ތިރީހަކަށް އަހަރުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެމައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ރައްޔިތުންނަށް ޤަބޫލުވެސް ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިސަރުކާރުން އެމައްސަލައަށްހައްލު ހޯދާނެ ކަމުގައި މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

މިގޮތުން އަން ސްކިލްޑް މީހުން ގެނައުމުގައި ލިމިޓެއް ކަނޑައަޅާފައިވާ ކަމަށާއި، އެއީ އެންމެ ބޮޑަށް މައްސަލަ ދިމާވާ ކެޓަގަރީ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"ކޮންމެ ޤައުމަކަށް ވެސް އެންމެ ގިނަވެެގެން، 150000 އޭ މިދެވެނީ. މިހާރު ކަންވެފައި އޮތް ގޮތުން ވެއްޖިއްޔާ ބަނގުލަދޭޝް އަަކަށް މިވަގުތު އިތުރަކަށް މީހުން ވެއްދޭކަށް ނެތް. އެކޯޓާ އޮތީ ހަމަވެފައި." ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި މިހާރު ޤަވާއިދާއި ޚިލާފަށް 50000 ބިދޭސީން އުޅޭ އިރު، އޭގެ ތެރޭގައި ގިނައީ ބަނގުލަދޭޝްގެ ލޭބަރުން ކަމުގައެވެ. އަދި ޤާނޫނާއި އެއްގޮތަށްވެސް އުޅޭ 150000 ބިދޭސީ މައްސައްކަތު މީހުންގެ ތެރެއިންވެސް 10000 މީހުންނަކީ ބަނގުލަދޭޝް މީހުން ކަމުގައި މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.

އަދި އަންސްކިލްޑް ކެޓަގަރީން ބަނގުލަދޭޝް އިން މީހުން ރާއްޖެ ގެނައުން މަނާކުރުމަށްފަހު، އެކަމުގެ ސަބަބުން އިޤުތިޞާދަށް އަންނަ ބަދަލުތައް ބަލާނޭ ކަމަށާއި، އަދި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އުފައްދާ ޓާސްކްފޯހުން އެކަން ހަމަސް ތެރޭގައި ރިވިއުކުރާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.