މިސަރުކާރު އުފެދުނުތާ 10 މަސްފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންނެވީތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި އެކަމަކު ފަހުން ނަމަވެސް ޗައިނާއަށް ވަޑައިގެންނެވީތީ އެކަމާ އުފާކުރައްވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަމާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބަލާއިރު މިއަށްވުރެ މާކުރިން ޗައިނާއަށް ވަޑައިގަންނަވަން ޖެހޭ ކަަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"މާނައަކީ ޗައިނާ މިއައީ ތަރުތީބުގައި އަޅުގަނޑުމެން ހިތްހަމަ ޖެހޭވަރަށް ވުރެ ފަހަތަށޭ. އެންމެ ކުރީކޮޅުގައި ވަޑައިގެން ނަވަންވާނެކަމަށް އަޅުގަނޑުމެންނަށް ދެކެމޭ. އެހެންނަމަވެސް ވަޑައިގެންނެވިކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން." އޭނާ ވިދާޅުވި އެވެ.

މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ޝާހިދުގެ މިދަތުރުފުޅުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މުހައްމަދު ހުސައިން ޝަރީފްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާ އާއި ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަފުޅަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަފުޅުތަކުގެ ސަބަބުން ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމަށް ބުރު އަރާގޮތަށް ވާހަކަދެއްކެވުން ހުއްޓާލެއްވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަމޭ ކޮންމެސް ހިސާބަކުން މިނިސްޓަރ ޝާހިދު ދައްކަވާ ވާހަކަފުޅުގައި ޗައިނާ އާއި ރާއްޖެއާ މިއޮތް ގުޅުމަށް މިމަނިކުފާނު(ރައީސް ނަޝީދު) ދައްކަވާ ވާހަކަފުޅުގެ ަސަބަބުން ހީނަރުކަމެއް އަންނަ ކަމުގެ ސިގްނަލެއް ޗައިނާ ފަޅިން ލިބޭކަމުގައި ވަންޏާ އަވަހަށް މާފަށް އެދިވަޑައިގެންފައި މިއީ އަޅުގަނޑުމެން މާބޮޑަށް އަޅާލާ ބޭފުޅެއް ނޫނޭ. އަޅުގަނޑުމެންނަށް މުުހިންމީ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކައޭ. އެޔޭ ސަރުކާރުގެ ސިޔާސަތަކީ. މިޔެއް ނޫނޭ." އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ޗައިނާ އަށް ފާޑުވިދާޅުވަމުން ގެންދަވާ ގެންދިޔުމާއި ގުޅޭގޮތުން ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ ޕްރޮޖެކްޓުތަކަށް ޚަރަދުވި ފައިސާ އަށްވުރެ އިތުރަށް ދައްކަންޖެހޭ މިންވަރު ޗައިނާ ސަރުކާރުން ކަނޑާލަންދެން ޗައިނާގެ ވާހަކަ ދައްކަވަމުން ގެންދަވާނެ ކަމުގަ އެވެ. ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން ރައީސް ނަޝީދު ފާހަގަކުރައްވަމުން ގެންދަވާ މަޝްރޫއަކީ ހުޅުމާލޭގައި އަޅާފައިވާ 7000 ފްލެޓްގެ މަޝްރޫ އެވެ. އެފްލެޓްތައް އަޅާފައިވަނީ އަކަފޫޓެއް 1900 ރުފިޔާއަށް ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުލާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 2021 ވަނަ އަހަރު ބޮޑެތި އަދަދުތަކުން ޗައިނާއަށް ފައިސާ ދައްކަންޖެހޭ ކަމަށް ވިދާޅުވެ އެފައިސާ އެ ޕްރޮޖެކްޓުތަކުން ދެއްކެން ނެތް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އެހެންކަމުން ޗައިނާގެ ވާހަކަ ތަކުރާރުކޮށް ދައްކަވަމުން ގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޗައިނާ ސަފީރުވެސް އެކަމުގައި ކަންބޮޑުވުމެއް ނުބާއްވަވާނެ. ޗައިނާ ސަރުކާރުންވެސް އަޅުގަނޑު ދެކޭ ގޮތުގައި މިކަމާ ކަންބޮޑުވުމެއް ނުބާއްވާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅުން އިތުރުވެފައި އޮތްބައި ކަނޑާލަދެއްވާނެ. އަދި އަޅުގަނޑު މި ވާހަކަ ދައްކަމުން ގެންދާނަން އެ ބޭފުޅުން އިތުރުވެފައި އޮތްބައި ކަނޑާލަ ދެއްވަންދެން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޅުތަކަށް ރައްދު ދެއްވާ ޗައިނާ ސަފީރު ޒާން ލިޒޮން ވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް އެއީ އަކަފޫޓަކަށް 1400 ރުފިޔާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލު ޗައިނާ ސަފީރު ވަނީ ހާމަކުރައްވާފަ އެވެ.