ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މަސައްކަތު މީހުން ވިސާ ފީ ބޮޑުކޮށް ކޯޓާފީއެއް ނެގުމަށް ނިންމާފައިވާ ކަމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިހާރު އަމަލު ކުރަމުންދާ ސިޔާސަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ފީއަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ،

މިގޮތުން ބިދޭސީންގެ ވިސާފީގެ ގޮތުގައި މިހާރު މަހަކު ނަގަމުން އަންނަ 250 ރުފިޔާ 350 ރުފިޔާ ބޮޑުކޮށް، ކޯޓާ ފީގެ ގޮތުގައި އަހަރަކަށް 2000 ރުފިޔާ ނަގާ ގޮތަށް ނިންމާފައިވާ ކަމުގައި މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ކޯޓާފީއަކީ ސީދާ ދައުލަތަށް ވަންނާނެ އެއްޗެއް ކަމަށެވެ.

" ކޮންމެ ކޯޓާއަކަށް 2000 ރުފިޔާ އަޅުގަނޑުމެން ނަގާނަން. ކޮންމެ އަހަރަކު މިހާރު ތިބި ބިދޭސީ މަސައްކަތްތެރިންވެސް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކޯޓާފީ ދައްކަވަން ޖެހޭނެ" މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ބިދޭސީންގެ އަތުން ނަގާ ފީތަކަށް ބަދަލު ގެންނަ އިރު މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މިހާރު ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ރެމިޓެންސް ޓެކްސް ނެގުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް، ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައި ވާއިރު އެކަމަށްޓަކައި ޚާއްސަަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. މިގޮތުން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުން އުފެއްދެވި ޓާސްކް ފޯހުގެ ޗެއާމަންއަކީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ. ދެން އެޓާސްކް ފޯހުގައި ތިއްބަވަނީ، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި، ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދާއި، ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބުދުއްﷲގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، އިމިގްރޭޝަންގެ ކޮންޓްރޯލަ މުހައްމަދު އަހުމަދު (ޙަނަފީ)ގެ އިތުރުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅެކެވެ. މީގެ އިތުރުން މިޓާސްކް ފޯހުގައި މަޓީގެ ބޭފުޅަކު ބައިވެރި ކުރެއްވުމަށް ދައުވަތު ދެއްވާނެ ކަމުގައިވެސް މިނިސްޓަރ ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިހާރު ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.