ހުރަވީ ބިލްޑިން މިއަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ހުސްކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެ އިމާރާތާ ގުޅޭ ގޮތުން ހެދި އެސެސްމަންޓަށް ބަލާއިރު އެއީ ބޭނުންކުރެވޭ ހާލަތުގައި ހުރި އިމާރާތެއް ނޫން ކަމަށެވެ. އެހެންކަމުން އެ އިމާރާތުގައި މިހާރު ހުރި އޮފިސްތައް ހުސްކުރުމަށް މިހާރު ނޯޓިސް ދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެތަން ހުސްކުރުމާއެކު އިމާރާތް ތަޅާލަން ނިންމާފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ އިމާރާތް ތަޅާލާ އެތަނަށް ގެނެވޭނީ ކޮންކަހަލަ ބަދަލެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ބިން ބޭނުންކުރާނެ ގޮތް ފަހުން ކަނޑަައަޅާނެ ކަމަށެވެ.

ހުރަވީ ބިލްޑިން އަކީ މީގެ 24 ވަރަކަށް އަހަރު ކުރިން ފެށިގެން މާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގަމުން އައި އިމާރާތެކެވެ.

މި އިމާރާތް ބާވުމުގެ ސަބަބުން ބައެއް ކަހަލަ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މިއަހަރުގެ ތެރޭ އެ ބިލްޑިންގެ ޝީޓުން ބައެއް ވެއްޓި ސައިކަލަކަށް ގެއްލުންވެފައިވާއިރު މީގެ ތިން އަހަރު ކުރިން ޝީޓުން ބައެއް ވެއްޓި ދުވަސްވީ މީހަކަށްވެސް ވަނީ އަނިޔާވެފަ އެވެ.

ހުރަވީ ބިލްޑިންގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅާލުމަށް 2010 ވަނަ އަހަރުވެސް ސަރުކާރުން ނިންމާފައިވެ އެވެ. ނަމަވެސް އޭރު އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.