ރާއްޖެ އިދާރީ ގޮތުން ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީ ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ބުނާ ބާރުތައް ކައުންސިލްތަކަށް ނުލިބުމަކީ ކައުންސިލްތަކުން އަބަދުވެސް ކުރާ ޝަކުވާ އެކެވެ. މިޝަކުވާތައް ބޮޑުވެފައި ވަނިކޮށް ރައިސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކައުންސިލތަކަށް ލިބެންޖެހޭ ބާރުތައް އޭގެ އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެކަމުގެ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުއްދެވުމުގެ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އަދި މިކަމާ ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި އިސްލާހުތައް މަޖިލީހުން ފާސްކޮށްދީފިނަމަ ކައުންސިލްތަކަށް އެކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލް ތަކުން ގަބޫލުކުރެ އެވެެ. ލާމަރުކަޒީ ގަނޫނަށް ހުށަހަޅާ ބައެއް އިސްލާހުތަކާ ގުޅިގެން ލޯކަލް ކައުންސިލްތަކަށް ލިބޭ އާމްދަނީ 70 އިންސައްތައާއި 300 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނެ އެވެ.