ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބް އީގަލްސް ތިން ގޯލުގެ ލީޑެއްގައި ވަނިކޮށް ފަހަތުން އަރާ ޔުނައިޓެޑު ވިކްޓްރީން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅު އީގަލްސްއިން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ވަރަށް ބޮޑުތަން ދަށްވިއެވެ. ހާއްސަކޮށް ޑިފެންސްލައިނުން ގިނަ ގޯސްތަކެއް ހެދިއެވެ. މި މެޗު އީގަލްސް އިން ފެށީ އެފްއޭއެމް އިން ބޮޑު ޖޫރިމަނާއެއް ކުރި އަލީ ފާސިރު (ސެންޓޭ) ސެންޓޭއާއި އަޙްމަދު ރިޒްވާން (ރިޒޭ) އާއި އެކުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް ވަނީ ތިން ގޯލު ޖަހާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ގޯލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ރިޒުވާން ޖެހިއިރު އެ ޓީމުގެ ދެވަނަ ގޯލު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި މި ގޯލުޖެހިތާ ފަސް މިނެޓުފަހުން މެޗުގެ 29 ވަނަ މިނެޓުގައި ރިޒްވާން ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފައެވެ. މި ހާފްގައި އީގަލްސް އިން ފުލުފުލުން ޔޫވީގެ ގޯލަށް ހަމަލާތައް އަމާޒުކުރި އިރު ފުރަތަމަ ހާފްގައި ޔޫވީގެ ކީޕަރު ތޮލާލް ހަސަން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގައި އީގަލްސްއިން މޮޅު ކުޅުމެއް ކުޅުނު ނަމަވެސް ދެވަނަ ހާފު ޔޫވީން ފެށީ ވަރުގަދަކޮށެވެ. ޒުވާން ކުޅުންތެރިންނަށް ދެވަނަ ހާފްގައި ޔޫވީ އިން ފުރުސަތު ދިން އިރު އެޓީމުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ ސިލިޗް ވަނީ މެޗުގެ 50 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު ޖަހާފައެވެ. އަދި މި ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް އީގަލްސްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ޔޫވީއަށް ލިބުނު ޕެނަލްޓީއެއްގައި ސިލިޗް ވަނީ ޔޫވީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ސިލިޗް ގޯލުޖެހިތާ މިނެޓެއް ފަހުން މުޙައްމަދު ނާއިމް ވަނީ އީގަލްސްއަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. މެޗުގައި ޔޫވީން ނަތީޖާ ހަމަހަމަކުރި ދެ ގޯލުވެސް ޖަހާދީފައިވަނީ ދެވަނަ ހާފުގައި ކުޅެން އެރި މިރާހު މުހައްމަދެވެ. އެގޮތުން މިރާހުގެ ފުރަތަމަ ގޯލު އޭރިޔާގެ ތެރެއިން ލިބުނު ފުރުސަތެއްގައި 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްވިބޯޅަ ކަނަށް ފޮނުވާލައިގެންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ވަރުގަދަ ޓީމަކާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނީ މަދު ހާލަތެއްގައި ކަމަށެވެ. އަދި ޔޫވީގެ އަސްލު ކުޅުން ކުޅެފިނަމަ ރަނގަޅު ނަތީޖާ ނެރެވިދާނެކަން މި ނަތީޖާއާއެކު އެނގިގެން ހިނގައްޖެކަމަށް ވެސް ނަޒީހު ބުންޏެވެ.

ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން ބަލިވީ ކުދިކުދި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

މި ނަތީޖާއާއެކު އީގަލްސް ވަނީ ތާވަލުގެ ދެވަނައަށް ވަގުތީގޮތުން ޖެހިލާފައެވެ. އެ ޓީމު ދެވަނައިގައި އޮތީ 13 ޕޮއިންޓާއެކުގައެވެ.