ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު އަތުން 3-0 އިން މޮޅުވެ ފުރަތަމަ ބުރުގައި އެއްވަނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޔަގީންކޮށްފި އެވެ.

މިފަހަރުގެ ލީގުގައި ތިން ބުރެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ބުރުގައި މާޒިޔާއިން ކުޅުނު ފަހު މެޗުން މިރޭ މޮޅުވިއިރު، އެ ޓީމު އެއްވަނައިގައި އޮތީ 7 ޕޮއިންޓުގެ ލީޑަކާއެކު އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅެމެއް ފެނިގެންދިޔައިރު، ދެޓީމަށްވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މެޗުގައި މާޒިޔާއިން ލީޑު ނެގީ ދެވަނަ ހށފު ފަށައިގެން 9 ވަނަ މިނެޓުގައެވެ. އަސަދުﷲ އަބްދުﷲ ދިން ޕާހަކުން މި ގޯލް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

އަދި އޭގެ ދިހަ މިނެޓު ފަހުން މާޒިޔާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ނާއިޒް ހަސަން (ދާދު) ނަގައިދިން ކޯނަރަކުން މި ގޯލް ކާމިޔާބުކުރީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ތިންވަނަ ގޯލް، މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އަސަދުﷲ ބޮލުން ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނީ ފުރަތަމަ ބުރު އެއްވަނައިގައި އޮވެ ނިންމާލެވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި މިރޭގެ މެޗުގައި ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި، ފުރަތަމަ ހާފުގައި ދިމާވި މައްސަލައަކީ އެ ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ. އެކަމަކު ދެވަނަ ހާފުގައި ކުޅުންތެރިންގެ މަސައްކކަތް ވަރަށް ރަނގަޅު ކަމަށްވެސް ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗަކަށް ހުރި އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗުން މާޒިޔާ މޮޅުވީ އެޓީމު މެޗުގައި މޮޅު ކުޅުމެއް ދެއްކުމުގެ ސަބަބުން ކަމަށެވެ. އެކަމަކު މިރޭގެ މެޗުގައި އެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނު ކަމަށާއި، މާޒިޔާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުމުން ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ.

މިރޭގެ މެޗުން މޮޅުވެ ފުރަތަމަ ބުރުގެ އެއްވަނަ މާޒިޔާއިން ޔަގީންކުރިއިރު، މާޒިޔާއަށް 8 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ދެވަނައިގައި އޮތީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ އެއްވަރުވި ކްލަބު އީގަލްސް އެވެ. އީގަލްސް އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް 7 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އީގަލްސްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.