އިސްރާއީލުގައި އަންގާރަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ވޯޓްގެ ނުވަދިހަ އިންސައްތަ ގުނައި ނިމިފައިވާއިރު، މިއިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް ގޮނޑި ކާމިޔާބު ކުރެވިފައި ނުވާކަން މިވަނީ ކަށަވަރު ވެފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ލިކޫޑް ޕާޓީ އިސްވެ އޮތް އިއްތިހާދާއި، އިދިކޮޅު އިއްތިހާދަށް ލިބުނު ގޮނޑިތައް ފެންނަނީ ދާދި ހަމަހަމަކޮށެވެ.

120 ގޮނޑި ހިމެނޭ އިސްރާއީލު ޕާލަމެންޓްގެ 55 ގޮނޑި، ނަތަންޔާހޫގެ އިއްތިހާދަށް ކަށަވަރުވެފައި ވާމަށް އިސްރާއީލުގެ މީޑިއާއިން ބުނާއިރު، ކުރީގެ އަސްކަރީ ޖެނެރަލް ބެނީ ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީ ހިމެނޭ އިއްތިހާދަށް 56 ގޮނޑި ކަށަވަރުވެފައި ވާކަމަށް މީޑިއާއިން ބުނެއެވެ.

އެހެން ނަމަވެސް، މި މިންވަރަކީ ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް ވުރެ މަދު އަދަދެކެވެ. ސަރުކާރެއް އެކުކަވާލަން ޕާލަމެންޓްގެ 61 ގޮނޑި ކާމިޔާބު ކުރަންޖެހެއެވެ.

އެ މިންވަރަށް އެއްވެސް ގްރޫޕަކަށް ވޯޓްލިބުނުކަން މުޅީން ކަށަވަރުވާނީ ހުރިހާ ވޯޓްފޮށިތައް ގުނައި ނިމުމުންނެވެ.

އަންގާރަދުވަހުގެ ވޯޓަށް އިސްރާއީލުގައި އެގާރަހާސް ވޯޓްލާ މަރުކަޒު ގާއިމްކުރިއިރު، ހަތަރު މިލިއަން މީހުން ވޯޓްލާފައި ވެއެވެ. އެ ހުރިހާ އެންމެންވެސް ވޯޓްލާފައިވަނީ ވޯޓްކަރުދާސް މެދުވެރިކޮށެވެ.

ވޯޓް ގުނައި ވަގުތީ ނަތީޖާ ނެރުން ލަސްވެގެންދަނީ މެނުއަލްކޮށް ވޯޓް ގުނަމުންދާތީ ކަމަށް ވެއެވެ.

ހުރިހާ ވޯޓެއް ގުނައި ނަތީޖާ ހާމަކުރާއިރު، ކޮންމެވެސް ވަރެއްގެ ބަދަލެއް އައިނަމަވެސް، އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބޭނޭ ކަމަށް ނުބެލޭ ކަމަށް އިސްރާއީލުގެ މީޑިއާއިން ބުނެއެވެ.

އިއްތިހާދުގެ ބޭރުން ވަކިވަކި ޕާޓީތަކަށް މިހާތަނަށް ލިބުނު ގޮނޑިއަށް ބަލާއިރު ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ލިބިފައިވަނީ 31 ގޮނޑިއެވެ. އިދިކޮޅު ލީޑަރ ބެނީގެ ބްލޫ އެންޑް ވައިޓް ޕާޓީއަށް 32 ގޮނޑި ލިބިފައި ވެއެވެ.

އެހެންކަމުން، އިސްރާއީލުގެ ބޮޑުވަޒީރުކަމަށް މިއިން އެއްވެސް ލީޑަރަކު އައުމަށް އޮތް މަގު ސާފެއްނޫނެވެ. ފަސޭހައެއްވެސް ނޫނެވެ.

މި ނަތީޖާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރުކަމުގައި ނަތަންޔާހޫ ހުންނާތޯ ނުވަތަ ނޫންތޯ އެނގުމަށްވެސް ހަފްތާތަކެއް ނަގާނެކަމަށް ވެއެވެ. އެއީ، ވޯޓް ގުނައި ނިމި، ސަރުކާރެއް އެކުލަވާލަން ޕާޓީތައް ކޯލިޝަން ހަދާ ގޮތަކުންނެވެ.

އޭޕްރީލް 9 ގައި ބޭއްވި އާންމު އިންތިޚާބުވެސް ބޭކާރު ވެގެންދިޔައީ، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ކުރި މަސައްކަތް ފެއިލްވުމުންނެވެ.

މިފަހަރު، ނަތަންޔާހޫވެސް އަދި އިދިކޮޅު ބެނީ ގަންޓްޒްވެސް ކޯލިޝަން ހަދަންހުރީ، ދުރު ކަނާތުފިޔައިގެ ހަރުކަށި ލީޑަރު އަދި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު އަވިގޯރ ލީބަރމަންއާއެވެ.

އިންތިޚާބުގައި ލީބަރމަންގެ "ޔިސްރާއީލް ބެއިޓެނޫ" ޕާޓީން ކުރިން ބުރު 5 ގޮނޑި ކާމިޔާބު ކުރި ނަމަވެސް މިފަހަރު އެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށް ވެއެވެ.

ލީބަރމަންއަކީ ފަލަސްތީނު މީހުން ދެކެ ވަރަށް ރުޅިއަރާ ހަރުކަށި މީހެކެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް ތާއީދުކޮށް އެކަމަށް މަސައްކަތްކުރާ މީހެކެވެ.

އޭނާ ބުނެފައިވަނީ، އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހަދާނީ އެންމެ ޝަރުތެއްގެ މަތިން ކަމަށެވެ. އެއީ، އިސްރާއީލުގައި ގައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލަން އެއްބަސްވާނަމަ ކަމަށެވެ. އެފަދަ ސަރުކާރެއްގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއާއި، އިދިކޮޅު ބްލޫ އެންޑް ވައިޓްވެސް ހިމަނަން ޖެހޭނޭ ކަމަށް ބުނެފައި ވެއެވެ.

ކޯލިޝަނެއް ހަދައިގެން ސަރުކާރެއް އެކުލަވާލަން 42 ދުވަސް ލިބޭނެއެވެ. އެގޮތުން، ބައި މަދަސް ކޯލިޝަންގައި ހިމެނޭ ކޮންމެ ޕާޓީއެއްގެ ލީޑަރަކަށްވެސް ބޮޑުވަޒީރަކަށް ވެވިދާނެއެވެ. އެގޮތުން، އެފަދަ ލީޑަރަކަށް ސަރުކާރެއް އެކުލަވާ ނުލެވިއްޖެނަމަ އިސްރާއީލުގެ ރައީސަށް ޖެހޭނީ އެހެން މީހަކާ ސަރުކާރެއް އެކުވަލާލުމުގެ މަސައްކަތް ހަވާލުކުރާށެވެ.