ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭ ރެއާލް މެޑްރިޑް އަތުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.

ގްރޫޕް އޭގައި ކުޅުނު ފޯރިގަދަ މެޗުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުކުޅެއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 14 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ހުއާން ބާނަޓްގެ އެހީއާއެކު މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މަރިއާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިންް ޕީއެސްޖީން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. 33 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ޖެހި ޑި މަރިއާ އެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ގެރެތު ބޭލް ރެއާލަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. މި މެޗުގައި ޕީއެސްޖީން އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކުރީ ފަހު މިނެޓުގައި ތޯމަސް މުނިއޭ އެވެ.

ގްރޫޕް އޭގައި ދެން ހިމެނުނު ދެޓީމު ކަމަށްވާ ކްލަބު ބްރޫޖް އާއި ގަލަތަސަރާއި ބައްދަލުކުރި މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވިއެވެ.