ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ޝަޚްތާރު ޑޮނިއެސްކް އަތުން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ޝަޚްތާރު ޑޮނިއެސްކްގެ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗާ ސިޓީން ކުރިމަަތިލިއިރު، އެޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ނޯވިޗް ސިޓީ އަތުން ބަލިވެފައެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، 24 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އިކާއީ ގުންޑޮގާންގެ އެހީއާއެކު މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދު މަހްރޭޒް އެވެ. އަދި 38 ވަނަ މިނެޓުގައި މަހްރޭޒްގެ އެހީއާއކު ގުންޑޮގާން ވަނީ ސިޓީއަށް ލީޑު ފުޅާަކޮށްދީފައެވެ.

ސިޓީގެ ތިންވަނަ ގޯލް 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖިސޫސް އެވެ، އޭނާ މި ގޯލް ކާމިޔާބުކުރީ މިޑްފީލްޑަރު ކެވިން ޑި ބްރެއިނާ ދިން ބޯޅައަކުންނެވެ.

ގްރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުން ސިޓީ މޮޅުވިއިރު، މި ގްރޫޕްގައި ހިމެނޭ ޑީނަމޯ ޒެގްރަބް ވަނީ އެޓަލާންޓާ އަތުން ފަސޭހަކަމާއެކު 4-0 އިން މޮޅުވެފައެވެ.